ވިޔަފާރި

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ހުޅުވައިފި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ފަންތީގެ ޓުއަރިސްޓް ހޮޓަލާއި ރިސޯޓް ހިންގަމުންދާ، ލަކްސް ހޮޓެލް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި ދެވަނަ ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. މާލެއަތޮޅު އޮޅަހަލީގައި ތަރައްޤީކޮށްފައިވާ، ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ރަސްމީކޮށް ހުޅުވައިދެއްވީ، އެރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދެވެ.

ޢާންމުކޮށް ރާއްޖެއިން ނުފެންނަ ފަދަ ތަފާތު ކޮންސެޕްޓަކަށް، ހުސް ހުދު ނުވަތަ އަލި ކުލަތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ލަކްސް ނޯތް މާލެ އެޓޯލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ އެރިސޯޓުގައެވެ. މިރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދާއި ލަކްސް ކަލެކްޓިވްގެ ސީއީއޯ ޑޮމިނިކް ރުހިއާއި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓްގެ ޖެނަރަލް މެނޭޖަރ ޖޯން ރޮޖާސްވެސް ބައިވެރިވެވަޑައިގަތެވެ.

ރިސޯޓު ހުޅުއްވާދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރވަނީ ލަކްސް ނޯތް މާލެ އެޓޯލްގެ ތަފާތުކަމަށާއި ރިސޯޓުގެ މުވައްޒަފުންގެ ތެރޭގައި ދިވެހިން ގިނަން ފާހަގަކޮށް، ތާރީފްކުރައްވާފައެވެ.

" ލަކްސް ނޯތް މާލެ އެޓޯލަކީ ލަފާތު ކޮންސެޕްޓަކަށް ފަރުމާކުރެވިފައިވާ ރިސޯޓެއްކަން ފެނިގެން ހިގައްޖެ. ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ތަފާތު ކޮންސެޕްޓް ތައަރަދްކުރުމަކީ އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން މަރުޙަބާ ކިޔާކަމެއް. އަދި ފާހަގަކުރެވޭ މިރިސޯޓުގައި ދިވެހި މުވައްޒަފުން ގިނަކަން. މިއީ ވަރަށްވެސް މުހިންމުކަމެއް." މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ލަކްސް ކަލެކްޓިވްގެ ސީއީއޯ ޑޮމިނިކް ރުހި ވިދާޅުވީ ލަކްސް ބްރޭންޑަކީ ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް މަސައްކަތްކުރިކަމަށާއި، މިރިސޯޓުގައި ދިވެހިންނަށް ގިނަ ފުރުސަތު ތަކެއްދޭން އިސްކަންދޭކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މީހުން ހަދާންނުނެތޭފަދަ ތަފާތު ޚިދުމަތެއް ފޯރުކޮށްދޭ. އަދި ދިވެހި ވަންތަކަން ދައްކުވައިދޭ، އެހެން ތަންތަނާ ތަފާތުކޮށް ރިސޯޓުގެ ޢިމާރާތްތައްވެސް ޚިދުމަތްތައްވެސް ބައްޓަންކުރަން. ރިސޯޓުން ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދޭނަން. އެއީ އަޅުގަނޑުމެން ބޭނުން ރާއްޖެ އަންނަ މީހުންނަށް ހިދުމަތް ކުރުމުގައި ހުރިހާ ލެވެލެއްގައިވެސް ދިވެހިން އުޅެން." ޑޮމިނިކް ރުހި ވިދާޅުވިއެވެ.

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ރަސްމީކޮށް ހުޅުވާފައިވާއިރު، ރިސޯޓު ހުޅުވުމުގެ ގޮތުން ހަތަރު ދުވަހަށް ދެމިގެންދާ ޙަރަކާތްތަކެއް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލޯންޗުގައި ސާޅީސް ފަސް މިނެޓުން ދެވޭ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓަކީ ސިންގަޕޫރުގެ މިއާޖާ ޑިޒައިން ގުރޫޕުން ފަރުމާކޮށްފައިވާ ރިސޯޓެކެވެ.
މިރިސޯޓް ތަރައްޤީކުރުމުގައި އެންމެބޮޑަށް އިސްކަންދީފައިވަނީ ފަތުރުވެރިންނަށް އަރާމު، ހިތް ފަސޭޙަ މާހައުލެއް ލިބޭނެފަދަ ގޮތަކަށްކަމަށް ތަރައްޤީކުރުމަށްކަމަށް ލަކްސް ރިސޯޓްސް އެންޑް ހޮޓެލްއިން ބުނެއެވެ.

މި ރިސޯޓްގައި 2 ބުރިއަށް ހަދާފައިވާ ޖުމްލަ 67 ވިލާ ހުންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެއުންތަކާއި ބުއިންތައް ލިބޭ 7 ރެސްޓޯރަންޓެއް މިރިސޯޓުގައި ހުރެއެވެ. އަދި ފަތުރުވެރިންނަށް މުނިފޫހިފިލުވުމަށް ތަފާތު ހަރަކާތްތައްވެސް މިރިސޯޓުގައި ވަނީ އިންތިޒާމްކޮށްފައެވެ.
ލަކްސް ރިސޯޓްސް އެންޑް ހޮޓެލްގެ ދެވަނަ ރިސޯޓް ހުޅުވާފައިވާއިރު، އެކުންފުނިން ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ ރިސޯޓަކީ އދ.ދިއްދޫފިނޮޅުގައި ހިންގަމުންދާ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓެވެ.