ސިޔާސީ

ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރި-


ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ތުހުމަތުކޮށްފިއެވެ.އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަޝީދާއިމެދު ފުލުހުން އަމަލުކޮށްފައިވާގޮތް އެކޮމިޝަނުން ތަހްގީގު ކުރަމުންދާކަމަށެވެ. އަދި ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ރަހުމް ކުޑަގޮތަކަށްކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށާއި ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް ބޭސްފަރުވާ މިހާރުން މިހާރަށް ފޯރުކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ. އަދި ގާނޫން އަސާސީންނާއި ގާނޫންތަކުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް މިބަޔާނުގައި ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފައިވެއެވެ.ހިއުމަންރައިޓްސް ކޮމިޝަންގެ މިތުހުމަތު ފުލުހުންވަނީ ދޮގުކޮށްފައެވެ.ފުލުހުންބުނީ ރައީސް ނަޝީދާއި ދެކޮޅަށް އެއްވެސް ފުލުހަކު ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްފައިނުވާނެކަމަށެވެ. އަދި މިއަދު ރައީސް ނަޝީދު  ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ކޮންމެވެސް ވަރަކަށް ގަދަ ހެއްދެވިކަމަށާއި، ފުލުހުން މަސައްކަތްކޮށްފައިވަނީ ރައީސް ނަޝީދަށް ގެއްލުމެއް ނުވާފަދަ ގޮތަކަށް، ކޯޓަށް ހާޒިރުކުރުވުމަށްކަމަށެވެ.ފުލުހުންބުނީ ނަޝީދު އަމިއްލަފުޅަށް ބިންމައްޗަށް ވެށްޓިވަޑައިގެންނެވީކަމަށެވެ. އަދި އެއަށްފަހު ގަދަހެއްދެވީކަމަށާއި ކޯޓަށް ވެދެވަޑައިނުގަންނަވަން މަސައްކަތްޕުޅު ކުރެއްވީކަމަށްވެސް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ، ފުލުހުން ބާރުގެ ބޭނުންކޮށްފައިނުވާނެކަމަށާއި ނަޝީދުގެ އަތްޕުޅު ބިންދައިގެންގޮސްފައިވާކަމަށް ވިދާޅުވާ ވާހަކައަކީވެސް ހަގީގަތާއި ޚިލާފް ވާހަކަފުޅެއްކަމަށެވެ. އަދި ބޭސްފަރުވާއަށް ބޭނުންވާފަދަ ކަމެއް ކުރިމަތިވެވަޑައިގެންފައިވާނަމަ ބޭސްފަރުވާކުރެވޭނެ އިންތިޒާމު ކަނޑައެޅިފައިވާގޮތުގެ މަތިން ހަމަޖެހިގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.މީގެ އިތުރުން ޗްއާރްސީއެމުން ކުރާ ތުހުމަތު އެކޮމިޝަނުން ތަހްގީގުކުރުމަށް މަރުހަބާކިޔާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.