ކުޅިވަރު

ޖިރޯނާ ބަލިކޮށް ކޮޕަޑެލްރޭ ސެމީގެ ފަހު ޖާގަ ރެއާލްމެޑްރިޑް ކަށަވަރުކޮށްފި


ޖިރޯނާ ބަލިކޮށް ކޮޕަޑެލްރޭ ސެމީ ފައިނަލްގެ ފަހު ޖާގަ ރެއާލްމެޑްރިޑް ކަށަވަރުކޮށްފިއެވެ.

ރެއާލް އިން މެޗާ ކުރިމަތިލީ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ހަތަރެއް ދޭކުން ޖެރާނޯ އަތުން މޮޅުވެ ހޯދި ދެލަނޑުގެ ލީޑާއެކުގައެވެ.

ސެމީފައިނަލްގެ ޖާގަ ރެއާލްއިން ކަށަވަރު ކުރީ ދެ ވަނަ ލެގުގައި ތިނެއް އެކަކުން ޖިރޯނާ ބަލިކޮށް ހަތެއް ތިނެއްގެ އެގްރިގޭޓަކުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ހަތާވީސް ވަނަ މިނެޓްގަ ކާމިޔާބުކޮށް ރެއާލްއަށް ލީޑް ނަގައިދިނީ ކަރީމް ބެންޒެމާއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހާ ޓީމަށް ލީޑްފުޅާ ކޮށްދިނީވެސް އޭނާއެވެ. މި ދެގޯލާއެކު ބެންޒެމާވަނީ ރެއާލްއަށް އެންމެ ގިނައިން ގޯލްޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ.

ގިރޯނާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ. ނަމަވެސް އޭގެފަހުން މާރކޯސް ލޮރެންތޭ ވަނީ އިތުރު ގޯލެއް ޖަހާ ރެއާލްގެ ލީޑް ދަމަހައްޓާފައެވެ.

ރެއާލްމެޑްރިޑްގެ އިތުރުން ސެމީއިން ޖާގަ ހޯދާފައިވަނީ ބާސެލޯނާ، ވެލެންސިއާ އަދި ރެއާލް ބެޓިސްއެވެ.