ޚަބަރު

އިމާރާތްކުރާ ތަންތަނުގައި ހުރި މައްސަލަތައް މިހާރު މަދު - މާލޭ ސިޓީ ކައުންސިލް


މާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓުތައް ބަލައި ޗެކްކުރަން ފެށިފަހުން އެތަންތަނުން ކުރިން ފެންމުންދިޔަ މައްސަލަތައް މިހާރު މަދުވެފައިވާކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިންގ މިނިސްޓްރީން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.

މާލެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ސަރުކާރާއި ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައީ، މިދިޔަ ޑިސެމްބަރު މަހު މާލޭގައި ހަދަމުންދިޔަ ޢިމާރާތެއްގެމަތިން ސިމެންތި ބަސްތާއެއް ވެއްޓި ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެންނެވެ. މި ހާދިސާއަށްފަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަދަމުންދާ 400 އަށްވުރެ ގިނަ ސައިޓުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމަށް ޓާސްކް ފޯސްއެއް އެކުލަވާލައި މަސައްކަތް ފެށިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙުމަދު ޒަމީރު ވިދާޅުވީ މާލޭގައި ޢިމާރާތްކުރަމުންދާ ސައިޓުތަކުގެ ހާލަތު ބެލުމަށް ކުރިން ދިޔަ ޓީމްތަކަށް އެ ތަންތަނުން ގިނަ މައްސަލަ ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކަންކަން ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޑިސެމްބަރު މަހު ހިނގައިދިޔަފަދަ ހިތާމަވެރި ހާދިސާތައް ދެން ހިނގިޔަ ނުދިނުމަށް ކުންފުނިތައް ހޭލުންތެރި ވެފައިވާކަންވެސް ޒަމީރު ފާހަގަކުރެއްވިއެވެ.

މާލޭގައި ހަދަމުންދާ ޢިމާރާތްތައް މޮނީޓަރކުރުމަށް ޙަރަކާތްތެރިވާ މުވައްޒަފުން މަދުކަން މާލެސިޓީ ކައުންސިލުންވަނީ ކުރިން ފާހަގަކޮށްފައެވެ. އެކައުންސިލުން ބުނީ މިހާރު މިދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ސައިޓުތައް މޮނީޓަރކުރުމަށް އެކުލަވާލި ޓާސްކްފޯސްއިން މިހާތަނަށް ހުރިހާ ސައިޓެއް ބަލާފައިވާކަމަށް ކައުންސިލުން ބުނެއެވެ. މާލެސިޓީ ކައުންސިލުން ބުނީ ކޮންސްޓްރަކްޝަން ކުންފުނިތަކަށްވެސް ދިމާވާ ދަތިތައް އެބަހުރިކަމަށާއި އެކަންކަން ކައުންސިލާ ލިޔުމުން ޙިއްޞާކުރުމަށް ކުންފުނިތަކަށް އަންގާފައިވާނެކަމަށެވެ.