ސިޔާސީ

ނާޒިމްއާއި އެމަނިކުފާނުގެ އަނބިކަބަލުންގެ މައްޗަށް ދައުވާ ކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއާއި އެމަނިކުފާނުގެ އަނބިކަބަލުން އަފާފް އަބްދުލް މަޖީދްގެ މައްޗަށް ދައުލަތުން ދައުވާކުރަން ކްރިމިނަލްކޯޓަށް ހުށައަޅައިފިއެވެ.ކުރިމިނަލްކޯޓުން ބުނީ ދައުލަތުން ނާޒިމްއާއި އެނާގެ އަނބިކަބަލުންގެ މައްޗަށް އުފުލާފައިވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާކަމަށެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ  ފަސްސަވީސް ވަނަދުވަހަށް ތާވަލްކޮށް ޗިޓް ފޮނުވާފައިވާކަމަށް އެ ކޯޓުން ބުނެއެވެ.ކޯޓް އަމުރެއްގެ ދަށުން މިދިޔަ މަހުގެ ސަތާރަވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ނާޒިމް ދިރިއުޅުއްވާ ގ އެނިފަށް ފުލުހުން ވަދެ ބަލާފާސްކުރުމުން ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ކަޅުކުލައިގެ ދަބަހެއް ފެނިފައިވާކަމަށް  ފުލުހުން ބުނެފައިވެއެވެ. އަދި މި ދަބަހުގެ ތެރެއިން ތެރެއިން ފިސްތޯލަކާއި ތިންވަޒަނާއި މެގްޒިންއަކާއި ޕެން ޑްރައިވެއްގެ އިތުރުން އެ ދަބަހުގެ ތެރެއިން ބޮކިނަރު ގުޅާފައިވާ ނޮކިޔާ މޮބައިލް ފޯނެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާކަމަށް ދާދި ފަހުން ހައިކޯޓުން އިއްވި ހުކުމްގައިވެއެވެ.އިތުރު ބަޔަކާއި ގުޅިގެން ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގާކަމުގެ ތުހުމަތުގެ ފުލުހުން، ނާޒިމް ހައްޔުރުކޮށްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.ރާއްޖެއަށް ގެނައުން މަނާތަކެތީގެ ދަށުން އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ އެކުށުގެ އަދަބަކީ ފަސްއަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.