ވިޔަފާރި

އެމްއޭސީއެލްއިން އުފުލި އެއަރ ކާގޯ 37 އިންސައްތަ އިތުރުވެއްޖެ


ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އުފުލި އެއަރ ކާގޯ 37 އިންސައްތަ އިތުރުވެއްޖެއެވެ.

އެމްއޭސީއެލްއިން ބުނީ ކާގޯ ޚިދުމަތުގެ ވިޔަފާރި ފުޅާވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު އިތުރުވުމެވެ. މިގޮތުން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ކުރެވިފައިވާ މިންވަރު %62 އިތުރުވެފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އަނެއްކޮޅުން މިމުއްދަތުގައި އެމްއޭސީއެލްގެ ކާގޯ މެދުވެރިކޮށް އެކްސްޕޯޓްކުރި މިންވަރުވެސް %13 އިތުރުވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެމްއޭސީއެލްއިން ބުނިގޮތުގައި ކާރގޯ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިއަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމަޔަށްވެސް ހާއްސަ ޕްލޭނެއް ވަނީ އެކަށައަޅާފައެވެ.

އެމް.އޭ.ސީ.އެލްއިން ބުނީ އެކުންފުނިން ދެމުންގެންދާ ކާގޯގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިއީ ފަސް އަހަރަށް ކުރިޔަށް ގެންދިޔަ ޕްލޭނެއްގެ ދަށުން އައު ޚިދުމަތްތައް ތައާރަފްކޮށް، ތަނުގެ މުވައްޒަފުންނާއި، ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަމަށް އެމްއޭސީއެލުން ބުނެއެވެ.

މިމަސައްކަތުގެ ދަށުން ކާރގޯ ބަހައްޓާ ވެއަރހައުސް ކެޕޭސިޓީ ވަނީ 200 އިންސައްތަ އިތުރުކޮށްފައެވެ. މިމަސައްކަތުގެ ސަބަބުން އެމްއޭސީއެލްގެ ކާގޯ ޚިދުމަތުގެ ވިޔަފާރި 5 އަހަރުގެ ތެރޭގައި 240 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.