ވިޔަފާރި

މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓް ޖުލައި މަހު ބާއްވަނީ


މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓް އަންނަ ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓް އިންތިޒާމްކުރަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފައިނޭންސް އިންޑަސްޓްރީ، މަފީއިންނެވެ.
މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، މިދާއިރާގެ މުހިންމު ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

މިސަމިޓުގައި ބޭންކްތަކާއި، އިސްލާމިކް ފައިނޭންސިންގެ ޚިދުމަތްތައްދޭ ކުންފުނިތަކާއި އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުނިތަކުގެ އިތުރުން، ލީޒިން އަދި ވެލުއޭޝަންގެ މަސައްކަތްތައް ކުރާ ކުންފުނިތަކުގެ އޮފިޝަލުންވެސް ބައިވެރިވާނެއެވެ. މަފީއިން ބުނީ ސަމިޓުގެ ތެރެއިން މާލީ ދާއިރާގެ އެންމެފަހުގެ ހޯދުންތަކާއި ވަސީލަތްތަކާބެހޭ ގޮތުން އެކި މައުލޫތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއަހަރު ސަމިޓުގައި މައިގަނޑުގޮތެއްގައި ބަލާލުމަށް ހަމަޖެހިފައިވަނީ، މާލީ ދާއިރާއިން ތައާރަފްކޮށްފައިވާ އެކި ވަސީލަތްތަކާއި، އީޖާދުތައް އަދި އުފެއްދުންތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތްތަކާބެހޭ ގޮތުންނެވެ. މި ހަރަކާތުގެ ބައެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފައިނޭންސް އެވޯޑްސްއަކީ ފައިނޭންސްގެ ދާއިރާގައި އެންމެ ފުންނާބުއުސް ފަރާތްތައް ފާހަގަކޮށް، މިދާއިރާގައި ފަހުގެ ޓެކްނޮލޮޖީއާއި ވަސީލްތައް ބޭނުންކޮށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ދެމުންދާ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއެވޯޑަށް ނޮމިނޭޝަންސް އަދި ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ނިންމާފައިވަނީ، މަފީން އެކުލަވާލާ ޕެނަލަކުންނެވެ.
މިސަމިޓާއި އެވޯޑުގެ އިތުރު ތަފްސީލް މަފީން ވަރަށް އަވަހަށް އާންމުކުރާނެކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ.