ޚަބަރު

"މީތި ސަޅި" ސައިކަލު ބުރު މާދަމާ ހަވީރު


"މީތި ސަޅި" މިނަމުގައި މާދަމާ ބާއްވާ ސައިކަލު ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިވަޑައިގެންފިއެވެ. މިޙަރަކާތަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށާއި އެކްސިޑެންޓުތައް މަދުކުރުމާ ގުޅޭގޮތުން ބާއްވާ ޙަރަކާތެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުކުރު ދުވަހު ބާއްވާ ޙަރަކާތްތަކުގެ ތެރެއިން ބޮޑު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "މީތި ސަޅި"ގެ ނަމުގައި ބާއްވާ ޚާއްޞަ ސައިކަލު ބުރެކެވެ. މި ސައިކަލު ބުރު އޮންނާނީ ހުކުރުދުވަހު ހަވީރު ތިންގަޑި ސަޅީސްފަހެއްގައި އަމީނީ މަގުން ދަރުބާރުގޭކުރިމަތިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާރކާ ހަމައަށެވެ.

މި ސަކައިލު ބުރަކީ އުޅަނދުތައް ދުއްވުމުގައި ޓްރެފިކް ޤަވާޢިދުތަކަށް އަހުލުވެރިކުރުމާއި، އެކްސިޑެންޓްތައް މަދުކުރުމަށް ފަރުދީގޮތުން މަސައްކަތް ކުރުމަށް ބާރުއެޅުމަށް ބާއްވާ ސައިކަލު ބުރެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މިނިސްޓަރ އޮފް ޓްރާސްންޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވާ މި ސައިކަލު ބުރުގައި، ސަރުކާރު އޮފީސްތަކުން ބައިވެރިވާއިރު ވީހާވެސް ގިނަ ޢާއްމުން މިސައިކަލު ބުރުގައި ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޢާދިލް ވިދާޅުވީ މިޙަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ޓީޝާޓެއް އިވެންޓު ކުރިއަށްދާ ސަރަޙައްދުން ލިބޭނެކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައިވެސް މިކަމަށް ހޭލުންތެރިކުރުމަށް ޙަރަކާތެއް ހުކުރު ދުވަހު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތުގައި އުޅަނދުތައް ދުއްވުމުގައި ރައްކާތެރިވުމާއި ގުޅޭގޮތުން ޝިއާރުތަކާއި، ފޮޓޯ ޑިސްޕްލޭކުރުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މީގެއިތުރުން މި ޙަރަކާތުގެތެރެއިން އެކްސިޑެންޓްތަކުގައި ފުރަތަމަ އެހީ ދިނުމަށް މީހުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙްކުރުމަށްވެސްވަނީ ހަމަޖެހިފައިވާކަމަށެވެ.

ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާ ފަސްޓް އެއިޑް ޕްރޮގްރާމަކީ ސިއްޙީ ޙާލަތު ގޯސްވެއްޖެނަމަ، ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދެވޭނެ އެކިއެކި ފަރުވާތަކާއި، އެހީތަކާއި ގުޅޭގޮތުން މީހުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމެކެވެ. މިފަދަ ޙާލަތްތަކުގައި ފަރުދުންގެ ޒިންމާ އިތުރުކުރުމަށް ހިންގާ މިޕްރޮގްރާމްގައި ތަމްރީންދޭނީ ވޮލަންޓަރީ ޑޮކްޓަރުންކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މީގެއިތުރު ޕްރޮގްރާމްތައް މިއަހަރުތެރޭގައި އަދިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.