ސިޔާސީ

ޖޭޕީއާއި އެމްޑީޕީގެ މުޒާހަރާ ރޭ ދަން ވަންދެން ކުރިއަށް ގެންގޮސްފި


އެމް.ޑީ.ޕީ އާއި ޖޭޕީ ގުޅިގެން ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ނަމުގައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރުމާއި ގުޅިގެން އިއްޔެ ހަވީރުންފެށިގެން ރޭގެ ދަންވަރު އެކެއްޖެހުމާއި ހަމައަށް ކުރިޔަށްގެންގޮސްފިއެވެ.މި މުޒާހަރާގެ ތެރެއިން ރޭ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ދިހަ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެތެރެއިން ހައްޔަރުކުރެވުނު އަށާރަ އަހަރުންދަށުގެ ކުޑަކުއްޖަކާއި، އަންހެންމީހަކު ނަސޭހަތްދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެނދެވުނު މީހުންގެތެރޭގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ހިމެނުނެވެ.މި މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކުރައްވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސް، އެ އެދެބޭފުޅުން ދޫކޮށްލުމަށް، ގޮވާލައްވާފައެވެ.މި މުޒާހަރާގެ ބައިވެރިން ޗާންދަނީމަގު ސީގަލް ރެސްޓޯރަންޓު ކަންމަތީގައި ނަޝީދު މިނިވަންކުރުމަށް ގޮވާލުމަށްފަހު، މަޖީދީ މަގާއި ޗާންދަނީމަގު ގުޅޭސަރަހައްދަށް އެއްވެފައިވޭ. އަދި އޭގެފަހުން މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނުހިސާބަށްއެއްވެ، ރައީސް ޔާމީން ދިރިއުޅުއްވާ، ގ. ދޫވެހި ގެއެއާދިމާލަށް މިސްރާބްޖެހުމުން ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވާފައެވެ.ދެފަހަރެއްގެ މަތިން މުޒާހަރާގެ ބައިވެރިން އަލިކިލެގެފާނުމަގުގެ ދެކުނުފަރާތަށް ދާންއުޅުމުން ފުލުހުންނާއި، މުޒާހަރާގެ ބައިވެރިންނާ ދެމެދުވަނީ، ކޮންމެވެސްވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައެވެ.ބާރަޖެހުމާއެކު މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔައިރު، އެސަރަހައްދުގައިހުރި ފިހާރައެއްގެ ބިއްލޫރިގަނޑުވެސް ތަޅައިގެންގޮސްފައިވެއެވެ.