ސިޔާސީ

ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ޤާނޫނީ ހުރަހެއް ނެތް- ޕީޖީ


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ނޫފުލޭނެ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންދާ ބުނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ރައްދު ދެއްވައިފިއެވެ.މިކަމަށް ރައްދު ދެއްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާންގައި ބުނެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް އިއްޔެ، ހުށަހެޅުމާ ގުޅިގެން އެދަޢުވާއަކީ ނުކުރެވޭނޭ ދަޢުވާއެއް ކަމަށާއި، އެދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށް ބުނެ، އެ ދައުވާ އަނބުރާ ގެންދިޔުމަށް ސިޔާސީ ޕާޓީތަކާއި ބައެއް މީޑިއާތަކާއި ސިޔާސީ ބައެއް ފަރާތްތަކާއި އާންމު ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ، އެކަމާ ޕީޖީ އޮފީހުން ނުހަނު ކަންބޮޑުވާކަމަށެވެ.އެގޮތުން ނަޝީދުގެ މައްޗަށް ޤާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ކުށުގެދަޢުވާ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެކޯޓުގައި ޝަރީޢަތްތައް ހިނގަމުންދިޔައިރު، މިދަޢުވާއަކީ ނަޝީދުގެ މައްޗަށް ނުކުރެވޭނެ ދަޢުވާއެއް ކަމަށް ބަޔާންކުރައްވާ އެއްވެސް ކޯޓަކުން ނިންމެވުމެއް ނިންމަވާފައި ނުވުމުން، މިމަހުގެ 15 ވަނަ ދުވަހު މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މައްސަލަ އަނބުރާ ގެންދިޔުމާ ހަމައަށްވެސް މިދަޢުވާ މައުޟޫއީ ގޮތުން ކުރިއަށް ގެންދިއުމުގައި ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް ބެލެވޭކަށް ނެތްކަމަށެވެ. އަދި ދަޢުވާ އިތުރަށް ދިރާސާކުރުމަށް އަނބުރާ ގެންގޮސް މުރާޖަޢާކުރިއިރު، މިމައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އާއި ދަޢުވާކުރެވުނު ކޯޓު ބަދަލުކުރުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނާތީ، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައެޅި ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.