ޚަބަރު

ޓީޗިންގ ކޯސްތައް ބައްޓަންކުރަން ޖެހޭނީ އައު މަންހަޖަށް އަމާޒުކޮށްގެން - އެޑިއުކޭޝަން


ރާއްޖޭގައި ކުރިއަށްގެންދާ ޓީޗިންގ ކޯސްތައް ބައްޓަންކޮށްފައި ހުންނަންޖެހޭނީ މިހާރު ތަންފީޒުކުރަމުންދާ ކަރިކިއުލަމަށް ފެތޭގޮތަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީން ކުޅުދުއްފުށީގައި ބޭއްވި ކަރިކިއުލަމް ފޯރަމްގައި ބެލެނިވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމާއި، ޓީޗިންގ ކޯސްތައް ތަޢުލީމީ އައު މަންޙަޖަށް ފެތޭގޮތަށް ބައްޓަންކޮށްފައި ނުހުންނާތީ ތަފާތު މައްސަލަތަކާ ދިމާވާކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އައު ކަރިކިއުލަމަށް ކިޔަވައިދެމުންދިޔަ ނަމަވެސް، މިއަދާ ހަމަޔަށް އައި އިރުވެސް ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި މުދައްރިސުން ތަމްރީން ކުރެވެމުން ދަނީ އައު ކަރިކިއުލަމަށް އަމާޒުކޮށްގެން ނޫންކަމަށެވެ. މިހާރު އަމަލުކުރަމުންދާ ތަޢުލީމީ އައު މަންޙަޖީ ވަކި ގޮތަކަށް ބައްޓަންކޮށްގެން، ވަކި މަޤްޞަދުތަކެއް ހާޞިލްކުރުމަށް ތަންފީޒުކުރަމުންދާ މަންޙަޖެއް ނަމަވެސް ކޮލެޖް ޔުނިވަރސިޓީތަކުން ޓީޗިންގ ކޯސްތައް ހިންގަމުންދަނީ އެފަރާތްތަކުން އަމިއްލައަށް އެކަށައަޅާފައިވާ ސިލަބަސްތަކަށް ކަމަށް ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އަލަށް ކިޔަވައިގެން ނުކުންނަ ޓީޗަރުން ތަޢުލީމީ އައު މަންޙަޖާ ބީރައްޓެރިވެފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"
"މިހާރު ތަމްރީނުވާ ޓީޗަރުން ސީދާ މިކަރިކިއުލަމް އަށް އަހުލުވެރި ނުކުރެވުމުގެ ނަތީޖާ އަކީ މިއަދު ގުރެޖުއޭޓް ވެގެން އަންނަ ޓީޗަރަށްވެސް މި ކަރިކިއުލަމް ބީރައްޓެހިވަނީ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެންއައިއީއާ، އެމްކިއުއޭއާ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ އެއްކޮށް އެއްތަނެއްގައި ތިބެގެން މަޝްވަރާކުރަން ދިވެހިރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ޓީޗިންގ ކޯސް ހައްދަވާ ފަރާތްތަކަކީ އެންއައިއީން ޤަބޫލުކުރާ މޮޑިއުލްތަކެއް މި ކަރިކިއުލަމް އިމްޕްލިމެންޓް ކުރުމަށްޓަކައި ތައްޔާރުކުރެވޭ ކުދިންނަށް ވާންޖެހޭނޭ. އެހެންވީމަ އަޅުގަނޑުމެން ދެކޭގޮތުގައި އެންއައިއީގެ ސޭ އެއް އެބަ އޮންނަން ޖެހޭ ކޯސްތައް އެޕްރޫވް ކުރުމުގެ ކުރިން."
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު

ކަރިކިއުލަމް ސިމްޕޯޒިއަމްއެއް ބޭއްވުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސިންޕޯޒިއަމް މިމަހުގެ 23 އިން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްގެންދާ ކަރިކިއުލަމް ފޯރަމްތަކުގެ ބޭނުމަކީ މި ސިމްޕޯޒިއަމްގައި ކަރިކިއުލަމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ކުރިން އައު ކަރިކިއުލަމާ ގުޅޭގޮތުން ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންގެ ޚިޔާލު ހޯދުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިފަދަ ފޯރަމެއް ކުޅުދުއްފުށީގައި ބާއްވާފައިވާއިރު، މި ފޯރަމް ފުރަތަމަ ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ.