ޚަބަރު

ރައީސް މައުމޫނު، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައކަތް ފަށްޓަވައިފި


ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައި މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތައް އިތުރަށް ފުޅާކުރެއްވުމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައެވެ.

މޯލްޑިވްސް ރިފޯމް މޫވަމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް މައުމޫން އިއުލާން ކުރެއްވީ ރައްތިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓުންނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލު ކުރެއްވުމަށްފަހުއެވެ.

މި ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަލަށް އުފައްދަން މަސައްކަތް ކުރާ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމްވެސް ނަންގަވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިޔާ، ޤާނޫނުގައި ބުނާ އަދަދަށް މީހުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އަދި ގަވާއިދު ތަންދޭ ގޮތެއްގެ މަތިން ވަރަށް އަވަހަށް ޕާޓީ ރަޖިސްޓަރީ ކޮށް ނިމޭނެ." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މިހާރު އެމްއާރުއެމްގެ ދިގު ނަމަކީ މައުމޫން ރިފޯމް މޫވްމަންޓް ނަމަވެސް އެޕާޓީ ރަޖިސްޓްރީވުމަށްފަހު އެމްއާރްއެމްގެ ދިގުނަން ބަދަލުވެގެން ދާނީ މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމަށް ކަމަށެވެ.

"އެމްއާރްއެމްގެ މިހާރުގެ ދިގު ނަމަކީ މައުމޫން ރިފޯމް މޫވްމަންޓް. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށްފަހު އެނަން ބަދަލުވެގެންދާނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމަށް." މަޢުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކުން އިންތިޚާބަށް ނުކުންނާނީ އަމިއްލަ ގޮތުން ކަމަށާއި އެހެން ނަމަވެސް އެމީހުން ވާދަކުރާނީ އެމަނިކުފާނުގެ ތާއީދާ އެކުގައި ކަމަށެވެ. އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމަވާފައި ވަނީ ޕީޕީއެމްގެ ލީޑަޝިޕް އެމަނިކުފާނަށް ލިބޭނެ ކަމުގެ އުންމީދު ކުޑަވުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމަށް، ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކުރައްވާފައެވެ.