ޚަބަރު

އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ވިސްނުމެއް ނެތްކަމަށް މަދޫރޯ ވިދާޅުވެއްޖެ


ވެނަޒުއޭލާގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ. މަދޫރޯ މިކަން ހާމަކުރައްވާފައި މިވަނީ، އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިންނާ ސިއްރިޔާތުގައި ބައްދަލުކުރައްވާފައިވާ ކަމަށް އިދިކޮޅު ލީޑަރު ހުއާން ގުއައިދޯ ހާމަކުރައްވާފައި ވަނިކޮށެވެ.

މިކަމާ ބެހޭ ގޮތުން ނިއު ޔޯކް ޓައިމްސްގައި ގުއައިދޯ ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ، ވެނަޒުއޭލާގެ ސަރުކާރު ބަދަލުކުރެވޭނީ އަސްކަރިއްޔާގެ އެއްބާރުލުން ލިބިގެންކަމަށެވެ.

މި ސަބަބަށްޓަކައި އަސްކަރިއްޔާގެ އިސްވެރިންނާ ސިއްރިޔާތުގައި ބައްދަލުކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަދޫރޯގެ ސަރުކާރަށް އަސްކަރިއްޔާއިން ތާޢިދު ދިނުން ހުއްޓާލާ، ވެރިކަން ވައްޓާލުމުގައި އަސްކަރިއްޔާއިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ގުއައިދޯ ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ވެނަޒުއޭލާގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރައީސް މަދޫރޯ ބުދަ ދުވަހު ވިދާޅުވީ އެ ގައުމުގައި އަލުން ރިޔާސީ އިންތިޚާބެއް ނުބާއްވާނެ ކަމަށެވެ. ރަޝިޔާގެ ޚަބަރު ފަތުރާ އިދާރާއަކަށް ދެއްވި ބަސްދީގަތުމެއްގައި މަދޫރޯ ވިދާޅުވީ، ވެނަޒުއޭލާގައި މިހާރު އުފެދިފައިވާ ސިޔާސީ ދެބަސްވުންތައް ދުރުކުރުމަށް އޭނާ ހުންނެވީ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރެއްވުމަށް ތައްޔާރަށްކަމަށެވެ.

މަދޫރޯ ވިދާޅުވެފައިވަނީ ބިރު ދެއްކުމާ އިންޒާރުދިނުމުގެ އުކުޅުތަކެއް އޭނާގެ މައްޗަށް ނުހިނގާނެ ކަމަށާއި، އަސްކަރިއްޔާ އޮތީ އޭނާގެ ފަހަތުގައިކަމަށެވެ. އަދި އަސްކަރިއްޔާ ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅޭ ސިފައިންނަކީ ޤައުމަށް ޤައްދާރުވާ ބައެއް ކަމަށް ވެސް މަދޫރޯ ވިދާޅުވިއެވެ.