ޚަބަރު

ވިލާތުގައި އުފެދެމުންދާ ހިޖުރަވެރިންނާ ދެކޮޅު އޮއިވަރާމެދު އދން ކަންބޮޑުވޭ


2018ވަނަ އަހަރު ޤަވައިދާ ޚިލާފަށް ވިލާތަށް އެތެރެވި ރެފިއުޖީންގެ ޢަދަދު މަދުވެފައިވާނަމަވެސް އަންނަ މޭ މަހު ވިލާތުގެ އިއްތިހާދުގެ ޤާނޫނުހަދާ މަޖިލީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ކުރިން އެ ބައްރުގެ ޤައުމުތަކުގައި ރެފިއުޖިންނާއި ހިޖުރަކުރާ ފަރާތްތަކާ ދެކޮޅު ސިޔާސަތުތަކުގެ މަޤުބޫލުކަން އިތުރުވުމަކީ އެކަށިގެންވާ ކަމެއްކަމަށް އދގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރު ވިލާތަށް ސަތޭކަ ސޯޅަހާސް މީހުން ވަދެފައިވާކަމަށެވެ. 2017ވަނަ އަހަރު މި ޢަދަދު ސަތޭކަ ހަތްދިހަ ދެހާހަށް އެރިއެވެ. އަދި 2016 ވަނަ އަހަރު މި ޢަދަދު އުޅުނީ ތިންސަތޭކަ ފަސްދޮޅަސް ހާހުގައެވެ.

އދގެ އިދާރާގެ ރިޕޯޓްގައި ބުނެފައިވަނީ 2018 ވަނަ އަހަރަކީ ވޭތުވެދިޔަ ހަތަރު އަހަރާ އަޅައިބަލާއިރު ވިލާތަށް އެންމެ މަދުން ރެފިއުޖީން ހިޖުރަކުރި އަހަރުކަމަށެވެ. އދގެ ރެފިއުޖީންނާ ބެހޭ އިދާރާގެ އިސްވެރިޔާ ފިލީޕޯ ގްރާންދޭ ވިދާޅުވީ، ރެފިއުޖީންނާއި ހިޖުރަކުރާ މީހުންގެ މައްސަލަތައް ވިލާތުގެ ބައެއް ޤައުމުތަކުން ސިޔާސީ ކުރަމުންދާކަމަށާއި މިކަމުގެ ސަބަބުން ވިލާތަށް ވަންނަ ރެފިއުޖީންގެ ޢަދަދު މަދުވެގެންދިޔަކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި މިފަދަ ސިޔާސަތުތަކާއި، ފިކުރުތައް ގިނަވެ އަންނަ މޭ މަހު އޮންނަ ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް މި ސިޔާސަތުތައް ކުރިއަށްނެރޭ މިންވަރު އިތުރުވާނެ ކަމަށް ވެސް ގްރާންދޭ ވަނީ ލަފާކުރައްވާފައެވެ.