2011 ވަނަ އަހަރުއްސުރެ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދޭނެ މަގު ފަހިކުރުމަށް އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ މާކް ލޯކޮކް ގޮވާލައްވައިފިއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ސޫރިޔާގެ މައްސަލައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލޯކޮކް ވިދާޅުވީ، ސޫރިޔާ އާއި އުރުދުން ގުޅޭ ސަރަހައްދީ ރޮނގު ކައިރީ ރުކްބާންގައި ތާށިވެފައި ތިބި ސާޅީސް ހާސް މީހުންނަށް މިހާރުން މިހާރުން އިންސާނީ އެހީ ބޭނުންވެފައިވާ ކަމުގައިވާނަމަވެސް، އެ ސަރަހައްދަށް ވަނުމަށް އިންސާނީ އެހީގެ ޤާފިލާތައް ވަނީ ނުކުޅެދިފައި ކަމަށެވެ.
ސޫރިޔާއަށް ފިނި މޫސުމުގެ ސަބަބުން ވެހެމުންދާ ސްނޯގެ ސަބަބުން ފިނިހޫނުމިން ދަށަށް ގޮސް، އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްވެފައިކަމަށް ލޯކޮކް ވިދާޅުވިއެވެ. އަދި އެންމެ ފަހުން އެ ސަރަހައްދަށް އިންސާނީ އެހީގެ ޤާފިލާއެއް ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި ހުސްވި މަހު އެކަނިވެސް ތުއްތު އަށް ކުދިން މަރުވެފައިވާކަމަށް ލޯކޮކް ވިދާޅުވިއެވެ.
އެހެންކަމުން، ރުކްބާނަށް އިތުރު ޤާފިލާއެއް ފޮނުވުމަށް ހަނގުރާމައިގައި ޝާމިލުވާ ހުރިހާ ފަރާތަކުން މަސައްކަތްކުރަން ޖެހޭކަމަށް ވެސް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި އދން މިދަނީ ގިނަ ފަރާތްތަކަކާއެކު މަޝްވަރާކުރަމުން ކަމަށް ވެސް ލޯކޮކް ވިދާޅުވިއެވެ.