ކުޅިވަރު

މީހުން މިހާރު ގައުމީ އަންހެން ފުޓުބޯޅަ ޓީމު ބަލައިގަނޭ - އާތިފް


ރާއްޖޭގެ ޤައުމީ އަންހެން ޓިމް މީހުން މިހާރު ބަލައިގަންނަން ފަށާފައިވާކަމަށް ޤައުމީ އަންހެން ޓީމްގެ ކޯޗް މުޙައްމަދު އާތިފް (އާތި) ބުނެފިއެވެ.

ފާއިތުވެގެންދިޔަ 20 އަހަރުގެ ތެރޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމްވަނީ ބައިނަލަގްވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް، މިދިޔަ އަހަރު ފުރަތަމަ ބައިނަލްއަގްވާމީ މެޑަލްވެސް ހޯދާފައެވެ.

ގައުމީ އަންހެން ޓީމްގެ ކޯޗް މުހައްމަދު އާތިފް ބުނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އަންހެން ކުދިންނަނީ ފުޓްބޯޅަ ކުޅެވޭނެ ބައެއްކަމަށް މީހުން ނުދެކޭކަމަށާއި އަދި އެއީ ވަރަށް ހަޑިކަމެއްކަމަށް މީހުން ދެކެމުން އައިކަމަށެވެ. އަދި ބައެއް ބެލެނިވެރިން އަންހެން ކުދިން ފުޓްބޯޅަ ކުޅެންވެސް ނުފޮނުވާކަމަމަށާއި، ބައެއް ފަރާތްތަކުން ފުޓްބޯޅަ ކުޅޭ އަންހެން ކުދިންނަށް މަލާމާތްވެސް ކުރިކަމަށް އާތިފް ބުންޏެވެ.

ފުޓްބޯޅައަށް ލޯބިކުރާ އަންހެން ކުޅުންތެރިންގެ ބުރަ މަސައްކަތުން މިއަދު އަންހެން ފުޓްބޯޅައަކީ މީހުން ބައިގަންނަ، ރާއްޖެއަށް ރީތިނަންވެސް ހޯދައިދޭ ކުޅިވަރެއްކަމަށް މީހުން ދެކެން ފަށާފައިވާކަމަށް ޤައުމީ އަންހެން ޓީމްގެ ކޯޗް މުޙައްމަދު އާތިފް (އާތި) ބުންޏެވެ.
"މިހާރު މީހުން ދެކޭ ގޮތްވަނީ ވަރަށް ބޮޑަށް ބަދަލްވެފަ. މިހާރު އަންހެން ކުޅުންތެރިން ކުޅޭތަން ޓީވީތަކުން ފެންނަން ފެށުމުން މީހުން ވަރަށް ބޮޑަށް މިކަމަށްވަނީ ޝަޢުގުވެރިކަން އުފެދިފަ. މިހާރު އަންހެން ފުޓްބޯޅަ ކުޅޭ ކުޅުންތެރިންވެސްވަނީ އިތުރުވެފަ. އަމިއްލައަށްވެސް މިހާރު ކުޅުންތެރިން އިސްނައިގެން ކުޅޭތަން އެބައާދޭ. ހާއްސަކޮށް ބެލެނިވެރިންވެސް މިހާރު އަންހެން ކުދިން ކުޅެން އެބަފޮނުވާ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްް."