ކުޅިވަރު

ކޮޕަޑެލްރޭގެ ސެމީގައި މިރޭ ގިރޯނާއާއި ދެކޮޅަށް ނިކުންނަ މެޗު ފަސޭހައެއް ނުވާނެ - ސޮލާރީ


ފުރަތަމަ ލެގުގެ ނަތީޖާއަށް ބުރަވެ، މެޗު ފަސޭހަކޮށް ނުލާނެކަމަށް ރެއާލް މެޑްރިޑުގެ ކޯޗް ސަންތިއާގޯ ސޮލާރީ ބުނެފިއެވެ.

ކޮޕަޑެލްރޭ ސެމީފައިނަލުގެ ދެވަނަ ލެގުގައި މިރޭ ގިރޯނާއާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސޮލާރީ ބުނީ، ފުރަތަމަ ލެގުގެ ނަތީޖާއިން ރެއާލް ކުރީގައި އޮތްނަމަވެސް މެޗު ފަސޭހަ ނުވާނެ ކަމަށާއި، ގިރޯނާގެ ދަނޑުގައި އެޓިމު ވަރުގަދަވާނެ ކަމަށެވެ.

އެގޮތުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގިރޯނާއިން މޮޅުވާން ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށް ސޮލާރީ ބުންޏެވެ. ސޮލާރީ ބުނީ ރެއާލްއިން މެޗު ފަސޭހަކޮށް ނުލާނެ ކަމަށާއި، ބޭނުންވަނީ މިމެޗުވެސް ކާމިޔާބުކޮށްގެން ފައިނަލަށް ދާން ކަމަށެވެ.

ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާއާއި ދެމެދު ދިހަ ޕޮއިންޓުގެ ފަރަގެއް އޮތުމުން ރެއާލްއަށް މިސީޒަނުގައި ދެން އެންމެބޮޑު އަމާޒަކަށް ވާނީ ކޮޕަޑެލްރޭ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ރެއާލްގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކެޕްޓަން ސާޖިއޯ ރާމޯސް ނުފެނުން ގާތެވެ. ނަމަވެސް އަނިޔާއިން އެނބުރިއައިސް ގެރެތް ބޭލްގެ ފޯމް ރަނގަޅުވަމުން އަންނައިރު ސަސްޕެންޝަނުގައި ކުރިން ހުރި ރަފޭލް ވަރާންއަށްވެސް މިރޭގެ މެޗުގައި ކުޅެވޭނެއެވެ.