ކުޅިވަރު

ނޭމާއަށް އަނިޔާވެ 10 ހަފްތާއަށް ކުޅުމާއި ދުރަށް


ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގޮސް، ނޭމާ ދިހަ ހަފްތާ ކުޅުމާއި ދުރުއްދާން ޖެހިފައިވާކަމަށް އޭނާގެ ކުލަބު ޕީއެސްޖީއިން ބުނެފިއެވެ.

ބުދަ ދުވަހު ޕީއެސްޖީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްރެންޗް ކަޕްގައި ސްޓްރެސްބާގް އަތުން 2-0ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން ދިހަ ހަފްތާއަށް ކުޅުމާއި ދުރުގައި ނޭމާ ހުންނަން ޖެހޭކަމަށެވެ. އަދި މެޑިކަލް ޓީމުން ނޭމާގެ އަނިޔާ އިތުރަށް ބަލައި، ސާޖަރީއަކަށް ނުގޮސް ރަނގަޅު ކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެކުލަބުން ވަނީ ބުނެފައެވެ.

އަދި، މެޑިކަލް ޓީމުން، ސާޖަރީއަކަށް ނުގޮސް ފަރުވާދޭން ނިންމި ނިންމުމަށް ނޭމާ އެއްބަސްވެފައި ވާކަމަށްވެސް އެކުލަބުން ވަނީ ބުނެފައެވެ.

މިއަނިޔާގެ ސަބަބުން ނޭމާއަށް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއިން، އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނަ މެޗުގައި ނުކުޅެވޭނެއެވެ. އަދި މިއަހަރުގެ ކޮޕަ އެމެރިކާގައިވެސް ނޭމާއަށް ކުޅެވޭނެ ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.