ތަޢުލީމު

ދިވެހިބަހުން ރީތިކޮށް މުޢާމަލާތް ކުރުން މުހިންމު- މިނިސްޓަރ


ދިވެހި ކިޔަވާކުދިން ދިވެހިބަހަށް ޤަދަރުކޮށް ދިވެހިބަހުން ރީތިކޮށް މުޢާމަލާތް ކުރުމަށާއި މައިންބަފައިންނާއި ބެލެނިވެރިން ކުދިންނާ ދިވެހިބަހުން ރިވެތިކޮށް މުޢާމަލާތު ކުރެއްވުމަށް އެޑިއުކޭޝަން މނިސްޓަރ ޑރ. އައިޝަތު ޝިހާމް ދަރިވަރުންނަށް ގޮވާލައްވައިފިއެވެ.ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، ދިވެހިންގެ  އަމިއްލަވަންތަކަމުގެ އެންމެ މަތިވެރި އެއް ރަމްޒަކީ އަޅުގަނޑުމެންގެ މާދަރީ ބަސްކަމަށާއި، ދިވެހި ބަސް ކިޔަވައިދެއްވުމުގައި އެދުރުން މިހާރަށްވުރެ ދިވެހިބަހަށް އަންނަ ބަދަލުތަކަށް ހުޝިޔާރުވާންޖެހޭ ކަމަށެވެ.ދިވެހިރާއްޖޭގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޅާދާއިރާއެއްގައި ދިވެހި ދަރީންގެ ސިކުނޑިތައް ބައްޓަންކުރުމުގައި ދިވެހި ބަސް  އަދާކުރާ ތަފާތު ރޯލުތަކަށް ސަމާލުކަން ދިނުންކަމަށާއި އުނގެނުމުގައްޔާއި ދިރިއުޅުމުގެ އެކިކަންކަމުގައި ބައިވެރިވެވޭނޭ ފުރުޞަތު ދިވެހިބަހުގެ ތެރެއިންނާއި ދިވެހިބަސް މެދުވެރިކޮށް ބަވަނަވެރި ރައްޔިތެއްގެ ޙިއްސާ ހޯދައިދިނުންކަމަށް މނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިބަހަކީ ދިވެހިޤައުމިއްޔަތުގެ މައި އެއް އަސާސްކަމަށްވެފައި، އެއްބައިވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދިރުވައި އާލާކުރުންކަމަށްވާއިރު،ސަރުކާރުގެ މުހިންމު ވައުދެއްގެ ގޮތުގައި ދަރިވަރުންގެ ކިބައިގަ ޤައުމީ ރޫޙު އަށަގެންނެވުން ހިމެނޭކަމަށާއި  އެގޮތުން ދިވެހިބަސް ކުރިއެރުވުމަކީ ގައުމީވަންތަކަމުގެ ވަރަށް ބޮޑު އަސާސެއްކަމުން ދިވެހިބަސް ދިރުވާ ތަރައްގީ ކުރުމަށްޓަކައި ސްކޫލުތަކުންވެސް ޚާއްސަ ސަމާލުކަމެއްދީގެން ހަރަކާތް ތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން  ތަޢުލީމުދޭ ފަރާތްތަކާއި، ސަޤާފީ ޖަމްޢިއްޔާތަކާއި އަދި މީޑިއާތަކުން ދިވެހި ބަސް ޙިމާތްކޮށް ކުރިއެރުވުމުގައި ދެމެހެއްޓެނިވި މަސައްކަތްކުރެއްވުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.