ޚަބަރު

ކޮންގްރެސް ޕާޓީގެ އެސްޖީއަކަށް ތޮލާލް ހަމަޖައްސައިފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި މުޙައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.

ޕީއެންސީގެ އެސްޖީގެ މަޤާމަށް ތޮލާލް ހަމަޖައްސާފައި ވަނީ ރޭގެ ވަގުތެއްގައެވެ.
ތޮލާލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ ކުރިން ޕީޕީއެމްގެ އިސް ސަފުގައި ޙަރަކާތްތެރިވި ބޭފުޅެއްވެސްމެއެވެ. އަދި ޕީޕީއެމްގެ އެސްޖީކަން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ އަދާ ކުރައްވާފައެވެ.

ޕީޕީއެމްގެ އެސްޖީކަމުން ތޮލާލް އިސްތިއުފާ ދެއްވީ 2016ވަނަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ އޭރު ޕާޓީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި މިހާރު އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީނާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅުނު ދުވަސްވަރުއެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ތޮލާލް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި ޚިލާފަށް ކަންކަން ކުރަމުންދާތީ ކަމަށެވެ.

ޕީއެންސީގެ އެސްޖީއަކަށް ތޮލާލް ހަމަޖައްސާފައިވާއިރު ޕީޕީއެމްގެ މުދާ ބޭނުން ކޮށްގެން ޕީއެންސީގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްގެ މެންބަރަކު ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު ޕީއެންސީއާ މެދު ފިޔަވަޅު އެޅެން ނެތް ކަމަށް އިލެކްޝަނުން އިއްޔެ ވަނީ ނިންމާފައެވެ.