ޚަބަރު

ހުއްދަ ނެތި ދީނީ ނަސޭހަތްދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން - އިސްލާމިކް މިނިސްޓްރީ


ހުއްދަ ނުހޯދާ ދީނީ ނަސޭހަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކަށް އެޑްރެސްކޮށް އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނެއްގެ ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދީނީ ޝިއާރުތައް ފާޅުކުރުމުގެ ބެލެނިވެރި ފަރާތަކީ އެވުޒާރާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ހުއްދަ ނުހޯދާ ދީނީ ނަސޭހަތް ނުދިނުމަށް ތަކުރާރުކޮށް އަންގާފައި ވާނެ ކަމަށާއި އެހެން ނަމަވެސް މަދުމަދުން ނަމަވެސް އެކަން ތަކުރާރުވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުއްދަ ނުހޯދާ ދީނީ ނަސޭހަތްދޭ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން އެފަދަ ހުއްދަ އޮންނަ ފަރާތްތަކުންވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފުކަމެއް ކޮށްފިނަމަ އެ މައްސަލައެއް ބެލުމަށްފަހު، ދީފައިވާ ހުއްދަ ބާތިލްކުރުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.