ޚަބަރު

ފޮރިންގ މިނިސްޓަރު ތިން ޤައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޢަބްދުﷲ ޝާހިދު ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މިދަތުރުފުޅުގައި ވަނީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް ޔޫ.އޭ.އީއާއި އެމެރިކާއާއި އިނގިރޭސިވިލާތައް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޔޫއޭއީއަށް ވަޑައިގެން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ތަންފީޒުކުރުމަށް އެޤައުމުގެ އެހީއާއި އެއްބާރުލުން ހޯއްދެވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު އެމެރިކާއަށް ވަޑައިގެން ދެޤައުމުގެ ދެމެދު ރަނގަޅުވަމުން އަންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ އެންމެ ފަހުން ވަޑައިގެންނެވީ އިގިރޭސިވިލާތަށެވެ. އެޤައުމަށް ވަޑައިގެން އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ. އޭގެ ތެރޭގައި އެޤައުމުގެ ފޮރިން އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމަންވެލްތު އެންޑް ޔޫ.އެން ލޯޑް އަހްމަދް އޮފް ވިމްބެލްޑަން އާއި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރ އޮފް ދަ ސްޓޭޓް މާރކް ފީލްޑާ ބައްދަލު ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުންތަކުގައި ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަން އިތުރަށް ވަރުގަދަ ކުރުމަށް ރެޒިޑެންޓް ސަފީރެއް އެޤައުމުގައި ބަހައްޓަން ނިންމަވާފައިވާކަން މިނިސްޓަރ ހިއްސާ ކުރެއްވިއެވެ. އަދި ރާއްޖޭގައި އިނގިރޭސި އެމްބަސީއެއް ހުޅުވަން ނިންމެވި ކަމަށްޓަކައި މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، 29 ވަނަ ގަވަރނިން ކައުންސިލް މީޓިން އޮފް ކޮމިނިއުޓީ އޮފް ޑިމޮކްރަސީސްގައި މިނިސްޓަރ ޝާހިދު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރިމަތިވި ގޮންޖެހުންތައް ބަޔާންކުރައްވާ، ދިވެހިން އަލުން ކޮމަންވެލްތާ ގުޅުމަށް އުއްމީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ތިން ޤައުމަކަށް ކުރެއްވި މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރާއި، ޕްލޭނިންގ މިނިސްޓަރާއި އިކޮނަމިކް މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.