ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި


މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އޭރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ބޭއްވި އެޕާޓީގެ ކޮންގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސްއިން އެޕާޓީގެ ރައީސާއި ނާއިބު ރައީސުން އިންތިޚާބު ކޮށްފައިވާއިރު ޕާޓީގެ ކައުންސިލު މެންބަރުންވެސް ވަނީ އަލުން އިންތިޚާބު ކޮށްފައެވެ. ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުން ޕީޕީއެމްގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓަށް ވައްދާފައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް ބަލައިގަތުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އޭރު އަމުރުވެސް ކުރިއެވެ. އެހެންކަމުން ޕީޕީއެމްގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލުތަކާއި ޕާޓީގެ މަޤާމުތަކަށް ޢައްޔަންކުރި ފަރާތްތައް 24 ގަޑިއިރުގެ ތެރޭގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް ހައިކޯޓުން އިލެކްޝަންސްގެ މައްޗަށް އަމުރުކުރިއެވެ.

ހައިކޯޓުން ކުރި ޙުކުމް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި އެ މައްސަލާގައި ސުޕްރީމް ކޯޓުން ބާއްވާފައި ވަނީވެސް އެންމެ އަޑުއެހުމެކެވެ. ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ނޫން ކަމަށާއި އެކަން ސައްޙަ ނުވާ ސަބަބުތައް އިލެކްޝަނުން ވަނީ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަޔާންކޮށްދީފައެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބެލި މި މައްސަލާގެ ޙުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބާތިލް ކުރަން ނުވަތަ އެ ކޮންގްރެސްއަކީ ސައްޙަ ކޮންގްރެސްއެއް ނޫން ކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން ކޮންގްރެސްގައި ވޯޓު ލުމަށްޓަކައި ވޯޓު ފޮށި ހިފައިގެން މެންބަރުން ގާތަށް ދިއުމަކީ އަސާސީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް އިލެކްޝަނުން ބުނެފައިވީ ނަމަވެސް އެ ވާހަކަތަކަކީވެސް އެއްވެސް އަސާސެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އިލެކްޝަނުން ބުނީ އިންތިޚާބާއި ބެހޭ ޤަވާއިދުގައި ވޯޓިންގ ބޫތުތަކެއް ބަހައްޓާފައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ ވޯޓު ފޮށި ހިފައިގެން މެންބަރުން ގާތަށް ވަކިވަކިން ދިޔަ ނަމަވެސް ވޯޓުގެ ސިއްރުކަން ހިފެހެއްޓޭ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ނަމަ ޤަވާއިދުގައި ބުނާ މަޤްޞަދު ޙާސިލްވެގެން ދިޔައީ ކަމަށެވެ.

އިލެކްޝަނުން ވަނީ ޕީޕީއެމްގެ ކޮންގްރެސްގައި ހަތަރު ނާއިބު ރައީސުން ހޮވި މައްސަލައެއްވެސް ފެންމަތިކޮށްފައެވެ. ނަމަވެސް އެކަމަކީވެސް އަސާސެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ޕީޕީއެމްއިން މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވި އެޕާޓީގެ "އާދަޔާ ޚިލާފު ކޮންގްރެސް" ބަލައިގަތުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުންވެސް ވަނީ ބާތިލްކޮށްފައެވެ.

ޕީޕީއެމްއިން ބޭއްވި ކޮންގްރެސްގައި އެޕާޓީގެ ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ނާއިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޢަބްދުއްރަޙީމް ޢަބްދުﷲއާ ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. މި ބޭފުޅުންގެ ތެރެއިން ޢަބްދުއްރަހީމް ޢަބްދުﷲއާ މުޙައްމަދު ސަޢީދު ވަނީ ޕީޕީއެމްއިން ވަކިވެ، އަލަށް އުފައްދާ ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ. އަދި މިހާރު ޢަބްދުއްރަޙީމަކީ ޕީއެންސީގެ ވަގުތީ ރައީސެވެ. މުޙައްމަދު ސަޢީދަކީ ނާއިބު ރައީސެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމިއިރު އެ ޕާޓީގެ މިލްކިއްޔާތާ ގުޅޭ ގޮތުން އާންމު ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ.