ކުޅިވަރު

ރަށްރަށުގައި އަޅާ ދަނޑުތަކާއި ކޯޓްތައް އަޅާނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން - މަހްލޫފް


މި ސަރުކާރުން ރަށްރަށުގައި އަޅާ ދަނޑުތަކާއި ކޯޓްތައް އަޅާނީ ރައްޔިތުންނާއި މަޝްވަރާކޮށްގެންކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓެސެލް ދަނޑުތަކާއި ވޮލީ، ބަށި އަދި ޒުވާނުންގެ މަރުކަޒުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ކުޅިވަރުގެ ވަސީލަތްތަށް ގާއިމް ކުރަންޖެހޭކަމަށެވެ.
ނަމަވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުމުގައި ރައްޔިތުންނާއި މަޝްވަރާކޮށް، އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން އިސްކަންދޭންޖެހޭކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
ހިލޭ އެހީގެ ގޮތުގައި އަޅަން ހަމަޖެހިފައިވާ ލ.ގަން ސެޓޭޑިއަމްގައިވެސް ކުޑަކުޑަ މަސައްކަތެއް ނުކުރެވިގެން މިހާރު އެތަން ބޮޑު ވަލަކަށް ބަދަލުވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ އެތައްކަމެއް ފާހަގަ ކުރެވިފައިވާކަމަށާއި މިކަންތައްތައް ރަނގަޅު ކުރުމަށްވެސް ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހޭކަމަށެވެ.
އަދި މީގެ ފަހުން ރަށްރަށުގައި ފުޓްސެލް ދަނޑުތަކާއި ކޯޓްތައް އަޅާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ.

"މީގެއިން ގިނަ ކަންތައްތަކަކީ ވިސްނުމުގެ މައްސަލައެއް. ނުތަވަ ސަރުކާރުގެއ ސިޔާސަތުގެ މައްސަލައެއް. އަޅުގަނޑަކަށް ނޭންގޭގެ ދޯ، މިސާލަކަށް ލ.އަތޮޅު މާވަށު ރައްޔިތުން ބޭނުންވަނީ ފުޓްސެލް ދަނދެއް ތޯ، ބަށި ކޯޓްއެއް ތޯ، ވޮލީ ކޯޓްއެއް ތޯ ނުވަތަ ހޭންޑް ބޯލް ކޯޓްއެއް ތޯކަމެއް. އަޅުގަނޑުމެންނަށް ފެނިގެން އެރަށުގައި ބަށި ކޯޓްއެއް އަޅާއިރު އެރަށުގައި ބަށި ނުވެސް ކުލެފާނެ. މިކަހަލަ ރަށްރަށަށް އަޅުގަނޑު ގޮސްފިން. މިހަލަ ރަށްރަށުގައި އަޅާފައި ހުރި ކޯޓްތަށް ވާ ވެގެން ގޮސް މިހާރުވަނީ ބޮޑެތި ގަސް އުފެދިފަ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސުލް ޖުމްހުރިއްޔާއާއި މަޝްވަރާ ކުރުމަށްފަހު، ޒުވާނުންގެ މަރުކަޒުތަކާއި ކޯޓްތަކާއި ދަނޑުތައް ކައުންސިލްތަކާއި ހަވާލް ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެކަމަށެވެ. އަދި ރަށްރަށުގެ ޒުވާނުންނަށް ވޯކްޝޮޕްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.