ވިޔަފާރި

ޤަވައިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްއިން ކުރިޔަށް ގެންގޮސްފި


ޤަވައިދާ ޚިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރާނޭ ބައިނަލްއަޤްވާމީ އުސޫލުތަކަށް އަހުލުވެރިކުރުވުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް މޯލްޑިވްސް ކަސްޓަމްސްއިން ކުރިޔަށް ގެންގޮސްފިއެވެ.
މި ބައްދަލުވުމަކީ މޯލްޑިވްސް ކަސްޓަމްސްއިން އިސްނަގައިގެން ސްރީލަންކާގައި ހުންނަ ޔޫއެސް އެކްސްޕޯޓް ކޮންޓްރޯލް ރިލޭޑަޓް ބޯޑަރ ސެކިއުރިޓީ، އީއެޗްބީއެސް ފުޅިގެން ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަހުމަދު ނޫމަން ވަނީ، މިފަދަ ވޯކްޝޮޕްތަށް އިންތިޒާމްކޮށްދެއްވާ، ކަސްޓަމްސް އަދި އެހެން އިދާރާތަކުގެ އޮފިޝަލުން ތަމްރީންކޮށް، ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ދެއްވުމުގައި އެމެރިކާގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތުދީފައިވަނީ، ސްރީލަންކާގައި ހުންނަ ޔޫއެސް އެކްސްޕޯޓް ކޮންޓްރޯލް ރިލޭޑަޓް ބޯޑަރ ސެކިއުރިޓީ، އީއެޗްބީއެސް އޮފިޝަލުންނެވެ.
މިބައްދަލުވުމަކީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އުސޫލުތަށް ރާއްޖޭގައި ތަންފީޒުކުރުމުގައި އަމަލުކުރަންވާ ގޮތްތައް ކަމާބެހެ ފަރާތްތަކަށް އެންގުމުގެ މަޤްސަދުގައި ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. މިގޮތުން ބައިނަލްއަޤްވަމީ ގޮތުން މުދާ ބޭރު ކުރުމުގައި ޤަވައިދާ ޚިލާފު ތަކެތި ނައްތާލުމާއި، ބައެއް ބާވަތުގެ ތަކެތީގެ ކޯޓާ ކަނޑައެޅުމާއި، ހިމާޔަތްކުރެވިފައިވާ ތަކެތި ޤަވައިދާ ހިލާފަށް އެތެރެކުރަނިކޮށް އަތުލައިގަނެވިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާއި، އެއްޤައުމުން އަނެއް ޤައުމަށް ތަކެތި އެތެރެކޮށް، ބޭރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެހެނިހެން މައުލޫމާތު ބައިވެރިންނާއި ހިއްސާކޮށްފައެވެ.
މިބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އެކި އިދާރާތަކުން 21 އޮފިޝަލަކު ބައިވެރިވިއެވެ. މީގެތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސް، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، އެޓާނީ ޖެނެރަލް އޮފިސް، އިކޮނޮމިކް މިނިސްޓްރީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް ސައިންސް، އެމްއެންޑީއެފް، ޕޮލިސް، ކޯސްޓްގާޑު، ހެލްތް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ ހިމެނެއެވެ.