ވިޔަފާރި

އައިފޯނު ވިކޭ މިންވަރު މަދުވެ، އެޕަލްގެ ފައިދާ ދަށަށް!


ބައެއް މާރކެޓްތަކުގައި އައި-ފޯނު ވިކޭ މިންވަރު މަދުވެ، މިދިޔަ ކުއާޓަރގައި އެޕަލްގެ ފައިދާ ދަށަށް ހިނގައްޖެއެވެ.

އެޕަލް ކުންފުނީގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް އާއްމުކޮށްފައިވާއިރު އެކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި ލިބިފައިވަނީ 84.3 ބިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީއަހަރު އެކުންފުންޏަށް ލިބިފައިވާ ފައިދާއާއި އަޅާކިޔާނަމަ 5 އިންސައްތައިގެ ދަށްވުމެކެވެ. ފައިދާގެ ގޮތުގައި ލިބިފައިވާ 84.3 ބިލިއަން ޑޮލަރުގެ 62 އިންސައްތައަކީ ބައިނަލްއަޤްވަމީ ވިޔަފާރި ފައިދާއެވެ. މިމުއްދަތުގައި އެޕަލް ކުންފުނިން އައިފޯނު ވިއްކައިގެން ލިބިފައިވާ ފައިދާގެ އަދަދު ވަނީ އޭގެ ކުރީއަހަރާ އަޅާކިޔާއިރު 15 އިންސައްތަ ދަށްވެފައެވެ.

އެޕަލް ކުންފުނިން ބުނީ އައިފޯނުގެ ވިޔަފާރި ދަށްވެފައިވަނީ ޗައިނާގެ އިޤްތިސާދު މަޑުޖެހުމުގެ ސަބަބުން އެމާކެޓުން ލިބޭ ފައިދާ ދަށްވެފައިވާތީކަމަށެވެ. މީގެއިތުރުން އެޕަލް ކުންފުނީގެ ވެރިޔާ، ޓިކް ކުކް ވަނީ އައިފޯނުގެ އަގު ބޮޑުވުމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯނު ގަތުމުގައި ދަތިތައް ކުރިމަތިވުމަކީވެސް ސޭލްސް ދަށްވުމަށް މަގުފަހިވާކަމެއްކަމަށް ބުނެފައެވެ. އަދި ޑޮލަރުގެ އަގު ބޮޑުވުމާއި ގުޅިގެން ކުރިއަރަމުން އަންނަ މާކެޓްތަކުގައި އެކުންފުނީގެ ތަކެތީގެ އަގު ބޮޑުވުމަކީ ކަސްޓަމަރުންނަށް ތަކެތި ގަތުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ކުކް ފާހަގަކުރިއެވެ.

ކުކް ބުނީ ޑޮލަރުގެ އެކްސްޗޭންޖު ރޭޓު މަތިވުމުގެ ސަބަބުން ކަސްޓަމަރުންނަށް އެޕަލް ފޯނު ގަންނަން ލިބޭ އަގު ބޮޑުވާތީ، މިފަދަ މާރކެޓުތަކުގައި އައިފޯނުގެ އަގު ދަށްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. ނަމަވެސް މިކަމުންވެސް ކުންފުނީގެ ސޭލްސް އަދި ފައިދާއަށް ލިބެމުންދާ ލޮޅުންތައް އެކުގައި ހައްލުނުވާނެކަމަށް ކުކް ބުނިއެވެ.

އެޕަލް ކުންފުނިން މިހިނގަމުންދާ ތިންމަހުގެ (ޖެނުއަރީއިން މާރޗްމަހުގެ) ފައިދާ ލަފާކުރާ މިންވަރު ހުރީ 55-59 ބިލިއަން ޑޮލަރުގައިކަމަށްވާއިރު، މިއީ އަހަރުން އަހަރަށް ބަލާނަމަ 3.4 އިންސައްތަ ދަށް އަދަދެކެވެ. ކުންފުނީގެ ފައިދާ ދައްވުމުގެ ސަބަބުން ހިއްސާގެ އަގުތައްވެސް މިދިޔަ އޮކްޓޫބަރު މަހުން ވަނީ ތިންބައިކޮޅު އެއްބައި ދަށަށް ގޮސްފައެވެ.

އަނެއްކޮޅުން އެޕަލްގެ 2019ގެ ފުރަތަމަ ކުއަޓާގައި ކުންފުނީގެ އެހެން އުފެއްދުންތަކުގެ ސޭލްސްއަށް ބަލާނަމަ ކުންފުނީގެ ފައިދާވަނީ 19 އިންސައްތަ މަތިވެފައެވެ. އަދި ކުންފުނިންދޭ ހިދުމަތްތަކުން ލިބޭ ފައިދާވެސް ވަނީ 19 އިންސައްތަ ނުވަތަ 10.9 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. އަދި މެކް އާއި އެޕަލްގެ ވޮޗް ފަދަ އުފެއްދުންތަކުން ލިބިފައިވާ ފައިދާ 9 އިންސައްތައަށް މައްޗަށް ދިޔައިރު، ގޭގައި ބޭނުންކުރާ އެޕަލްގެ އެހެނިހެން ތަކެތި ވިއްކައިގެން ލިބިފައިވާ ފައިދާވެސްވަނީ 33 އިންސައްތަ މައްޗަށް ގޮސްފައެވެ.

އައިޕެޑް މެދުވެރިކޮށް ކުންފުންޏަށް ލިބިފައިވާ ފައިދާވެސް ވަނީ 17 އިންސައްތަ މައްޗަށް ގޮސްފައެވެ. ސްމާޓްފޯނުގެ ވިޔަފާރި ދަށްވުމުން ކުންފުނީގެ ފައިދާއަށް އަސަރުކޮށްފައި ވަނީ ހަމައެކަނި އެޕަލް ކުންފުޏަކަށް ނޫނެވެ. އެހެން ސްމާޓް ފޯން ވިއްކާ ކުންފުނިތަކުންވެސް މިކަމާ ދަނީ ކުރިމަތިލަމުންނެވެ.