ވިޔަފާރި

ބިޒްނަސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބިޒްނަސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފެބްރުއަރީ މަހުގެ 26-27 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފޯރަމަކީ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާކޮށް އެކަންކަމަށް ހޯދިދާނެ ހައްލުތަކާއި ބެހޭގޮތުން މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އެމީހެއްގެ ނަމާއި ދާއިމީ އެޑްރެސް އަތޮޅާއި ރަށް އަދި ވިޔަފާރިކުރާ ފަރާތެއްނަމަ ވިޔަފާރީގެ ނަމާއި ފޯނު ނަންބަރާއި އެކު މިނިސްޓްރީގެ އީމެއިލްއަށް ފޮނުއްވުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.
ވިޔަފާރިއާއި ގުޅުންހުރި އެކި ކަންތައްތަކާއި ބެހޭގޮތުން މި ފޯރަމްގައި މަޝްވަރާކުރެވޭއިރު، މި ދާއިރާގައި ހުރި އެކި ކަންކަމާއި ބެހޭގޮތުން ޚިޔާލު ހުށަހެޅުމަށްޓަކައި މިނިސްޓްރީއަށް ކަރުދާސް ހުށަހެޅޭނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.

ކަރުދާސް ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި މަސައްކަތްތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވިޔަފާރީގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން އަންހެން ވިޔަފާރިވެރިންގެ މަސައްކައްތަކާއި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމާއި ބެހޭގޮތުން ވެސް ކަރުދާސް ހުށަހެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމްއަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހުށަހަޅާ ޚިޔާލު ކަރުދާސްތައް، އިކޮނޮމިކް މިނިސްޓްރީން ކުރިއަށް އޮތްތަނުގައި އެކުލަވާލާ ޤަވައިދުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރާނެކަމަށެވެ.