ވިޔަފާރި

"އެލައިޑް" އިންޝުއަރަންސް ޚިދުމަތުގައި 34 އަހަރު


މިއަދަކީ ރާއްޖޭގެ ފުރަތަމަ އިންޝުއަރަންސް ކުންފުނި، އެލައިޑްގެ 34 ވަނަ އަހަރީ ދުވަހެވެ.
1985 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއާއި އިނގިރޭސިވިލާތުގެ ކޮމާރޝަލް ޔޫނިއަން އިންޝުއަރެންސްއާއި ދެމެދު ޤައިމްކުރި ޖޮއިންޓް ވެންޗައަކުން އުފެއްދި އެލައިޑް އިންޝުއަރެންސް އަކީ ރާއްޖޭގައި އިންޝުއަރަންސްގެ ޚިދުމަތް ފެށި ފުރަތަމަ ކުންފުންޏެވެ.
ނަމަވެސް 1987 ވަނަ އަހަރު އެސްޓީއޯއިން ވަނީ އިނގިރޭސިވިލާތުގެ ކޮމާރޝަލް ޔޫނިއަން އިންޝުއަރެންސްގެ ކޮންޓްރޯލްގައި އޮތް އެލައިޑްގެ ހިއްސާތައް ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.
މިއަދު އެލައިޑް އިންޝުއަރަންސް ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަމިއްލަ ކުންފުންޏެވެ. އެލައިޑުން އަންނަނީ ވިޔަފާރި ކުންފުނިތަކަށާއި، އެކިއެކި ދާއިރާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އަމިއްލަ ފަރުދުންނަށް ހާއްސަކޮށް އެލައިޑުން ފޯރުކޮށްދޭ މުހިންމު ބައެއް އިންޝުއަރަންސް ޚިދުމަތްތަކަށް ބަލާއިރު، ގެދޮރާއި އުޅަނދުފަހަރާއި، މުދަލުގެ އިތުރުން ހައްޖާއި އުމްރާއަށް ހާއްސަ އިންޝުއަރަންސް ސްކީމްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭނެ ގެއްލުމާއި، ކުއްލި ހާލަތެއްގައި މީހަކު މަރުވެއްޖެނަމަ އެފަރާތެއްގެ އާއިލާއަށް އެހީތެރިވެދިނުމަށް ހާއްސަ ސްކީމްވެސް އެލައިޑުންދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ސިއްހީގޮތުން ކަމެއް ދިމާވެއްޖެ ހާލަތުގައި ސިއްހީ ފަރުވާއަށް ޚަރަދުކުރުމުގައި އެހީތެރިވެދޭނެ ހެލްތް އިންޝުއަރަންސް ސްކީމެއްވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

ވިޔަފާރި ކުންފުނިތަކަށް ހާޢްސަކޮށް އެލައިޑުންދޭ އިންޝުއަރަންސް ޚިދުމަތުގެ ތެރޭގައި ވިޔަފާރީ މުދަލާއި، އޮފިސް ފަދަތަންތަނަށް ހާއްސަ ސްކީމްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އަލިފާނާއި ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ރިސޯޓު ހޮޓާތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ހާއްސަ އިންޝުއަރަންސް ސްކީމްތަކާއި، ވައްކަމުގެ މައްސަލަތަކާހުރެ ވިޔަފާރި އަދި ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ހާޢްސަ އިންޝުއަރަންސް ސްކީމްތައް އެލައިޑުން ވަނީ ތައާރަފްކޮށްފައެވެ.

އެލައިޑުގެ 34 ވީ އިންޝުއަރަންސް ވިޔަފާރީގައި އެކުންފުނިން ވަނީ، އިސްލާމިކް އިންޝުއަރަންސް ނުވަތަ އަޔާދީ ތަކަފުލްވެސް ތައާރަފްކޮށްފައެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލައިޑުންވަނީ އެކުންފުނިން ދެމުންގެންދާ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދެވޭނޭ ނިޒާމެއް ޤާއިމްކޮށްފައެވެ. މިގޮތުން އިންޝުއަރަންސްގެ ޚިދުމަތްތަކަށް އޮންލައިނުކޮށް އެދުމުގެ ފުރުސަތު އެކުންފުނިން މިހާރު ވަނީ ފަހިކޮށްދީފައެވެ.

އެލައިޑުގެ ވިޔަފާރީގެ ތާރީހުގައި އެކުންފުނިން ވަނީ އިންޝުއަރަންސްގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ އެވޯޑުތަކެއްވެސް ހޯދާފައެވެ. މިގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނިން ވަނީ ނިމިގެންދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރި ކުންފުނީގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.

ވިޔަފާރި ފުޅާކޮށް ކުރިއެރުވުމުގެ އިތުރުން އެލައިޑުން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ގޮތުގައި ގިނަ ފަރާތްތަކަކަށް އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.