ޚަބަރު

ބިނާކުރަނިވި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުމުގެ ފުރުސަތު ނޫސްވެރިންނަށް ފަހިކޮށްދެންޖެހޭ - މަޙުލޫފް


ބިނާކުރަނިވި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުމުގެ ފުރުސަތު ދިވެހި ނޫސްވެރިންނަށް ފަހިކޮއްދީގެން މެނުވީ ދިވެހި ނޫސްވެރިކަން ކުރި ނާރާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދިޔަ ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ތަޢާރަފުކުރިތާ ފަންސާހަށްވުރެ ގިނަ އަހަރުވެފައުވާއިރު، މިދާއިރާއަށް ގިނަ ގުނަ ކުރިއެރުންތަކެއް ރާއްޖެއަށް އައިސްފައިވާކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ ދާއިރާއަށް ބޭނުންވާ އެކަށޭނަ ތަމްރީނު ލިބިދީފައިނުވާކަން މިނިސްޓަރ މަޙްލޫފް ފާހަގަކުރެއްވިއެވެ.

އެމްއެމްއައިއިން މީޑިއާގެ ދާއިރާއިން އެކި ފަރާތްތަށް ތަމްރީންކުރުމަށް ފަށާފައިވާ މަސައްކަތަކީ މި ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވާ މަޙްލޫފް ވަނީ ކުރިއަށް އޮތްތަނުގައި އެމްއެމްއައިއިން އިތުރު ކޯސްތަކެއް އާންމުންނަށް ހުޅުވާލާއިރު އެ ފުރުސަތުގެ ބޭނުން ހިފުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިނިސްޓަރ މަޙްލޫފްވަނީ ބިނާކުރަނިވި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުމުގެ ފުރުސަތު ދިވެހި ނޫސްވެރިންނަށް ފަހިކޮއްދީގެންމެނުވީ ދިވެހި ނޫސްވެރިކަން ކުރި ނާރާނެކަން ވެސް ފާހަގަކުރައްވާ އެކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

"ނޫސްވެރިންނަކީ ޤައުމުގެ ކުރިއެރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް. އެހެންކަމުން ނޫސްވެރިންނަށް ބިނާކުރަނިވި ޚިޔާލު ފާޅުކުރުމާއި، ފާޑުކިޔުމުގެ ފުރުސަތު ދިވެހި ނޫސްވެރިންނަށް ފަހިކޮއްދީގެންމެނުވީ ދިވެހި ނޫސްވެރިކަން ކުރި ނާރާނެ. އެމްއެމްއައި އިން ކުރިއަށް ގެންދާ ކޯސްތަކަކީ މިދާއިރާ ކުރިއެރުމަށް ވަރަށް މުހިންމު ކޯސްތަކެއް." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެމްއެމްއައިން އެކަޑަމިކް ދެކޯހަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ 3 ކޯހެއް ހިންގާފައިވެއެވެ. އެގޮތުން އެކަޑަމިކް ކޯސްތަކުގެ ގޮތުގައި ސެޓްފިކެޓް ލެވެލް ތްރީ އިންޖަރނަލިޒަމްގެ 2 ބެޗެއްގެ އިތުރުން ސެޓިފިކެޓް ލެވެލް ވަން އިން ޓީވީ ޕްރޮޑަކްޝަންގެ ބެޗަކަށް މި ރަސްމިއްޔާތުގައިވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މީގެއިތުރުން މެނޭޖްމެންޓް ޓްރެއިނިންގ ފޯ ސުޕަރވައިޒަރސް އާއި، ޕްރޮޑަކްޝަން ޓްރެއިނިންގ ޕްރޮގްރާމެއް އަދި ބޭސިކް އެވިޑް ޓްރެއިނިންގ ޕްރޮގްރާމެއްވެސް އެމްއެމްއައިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޯސްތަށް ފުރިހަމަ ކުރި ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ޝުޢޫރު ޕީއެސްއެމް ނިއުސް ޓީމާއި ހިއްސާކޮށްފައެވެ.

އެމްއެމްއައި އުފެއްދިތާ 3 އަހަރު ދުވަސްވެފައިވާއިރު، އެމްއެމްއައިއިން މިހާތަނަށް މެލޭޝިއާގެ ލިމްކޮކް ވިންގ ޔުނިވަރސިޓީއާއި ގުޅިގެން ޚާއްސަ ކޯސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއަކީ ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީއެވެ.

2019 ވަނަ އަހަރު ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އެމްއެމްއައިގައި ކުރިއަށްގެންދާ 6 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އޭގެތެރޭގައި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާރސިޓީއާ ގުޅިގެން ކުރިއަށްގެންދާ 2 ކޯހެއްވެސް ހިމެނޭކެމަށް އެމްއެމްއައިއިން މައުލޫމާތުދެއެވެ.