ކުޅިވަރު

ދީމާގެ ރަން މެޑައްޔާއެކު ރާއްޖޭގެ ޓީޓީގެ ކުރިމަގަށް ކުރެވޭ އުންމީދު އިތުރުވުން


ސައުތް އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 12 އަހަރުންދަށުގެ އިވެންޓް ގައި ދީމާއާއި ޓީމް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޓޭބަލް ޓެނިހުގެ ކުރިމަގާމެދު ކުރެވޭ އުންމީދުތައް އިތުރުވި ކަމެއް ކަމަށް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ.

ސައުތް އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރަންމެޑަލް ހޯދި ފާތުމަތު ދީމާއާއި ޓީޓީ ޓީމް ރާއްޖެ އައުމުން ޓީމަށްވަނީ ޚޫނު މަރުޙަބާއެއް ކިޔާފައެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން. ސުޖާއު ވިދާޅުވީ 11 އަހަރުގެ ދީމާ ހޯދި ރަންމެޑައްޔަކީ ރާއްޖޭގެ ޓީޓީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
އަދި އިންޑިޔާފަދަ ޓީޓީގައި ކުރިއަރާފައިވާ ގައުމެއްގެ އެންމެ މަތީ ރޭންކްގެ ކުޅުންތެރިން ބަލިކޮށް ދީމާ ހޯދީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށާއި، މި ތާރީހީ ކާމިޔާބީގެ އަގުވަޒަންކުރާ ކަމަށެވެ.
އަދި ދީމާގެ އިތުރުންވެސް މުބާރާތުގައި އެހެން މެޗްތައް ކާމިޔާބުކުރި ކުޅުންތެރިންނާމެދު ފަޚުރުވެރިވާ ކަމަށާއި، މިހާ ހަގު އުމުރެއްގައި ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ޓީޓީގެ ކުރިމަގަށް ކުރާ އުންމީދު އިތުރުވާކަމެއްކަމަށެވެ.

"މި މުބާރާތަކީ ސަރަހައްދީ ލެވެލް އެއްގައި ކުޅުނު މުބާރާތަކަށް ބަލާއިރު އިންޑިޔާގެ މިވަގުތު އެ އުމުރުފުރާގެ އެކެއް ދޭއް ތިނެއް އަދި ހަތަރެއް ބަލިކޮށްފަ، އިންޑިޔާއަކީ ޓޭބަލް ޓެނިހުގެ ހަމަ ގަދަ ބާރެއް، އެހެންވީމަ ހުރިހާ ގޮތަކުންވެސް ދީމާ މި ގެނައި ކާމިޔާބީއަކީ ވަރަށް ފުރިހަމަ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެވެނީ، ދެން މީގެ އިތުރުން އެހެން ކުޅުންތެރިންވެސް އެބަހުރި މެޗްތައް ކާމިޔާބުކޮށްފަ، އެހެންވީމަ މި ހަގު ކުޅުންތެރިން މި ފަދަ ރަނގަޅު ކާމިޔާބީ ހޯދުން މިއީ ޓޭބަލް ޓެނިހުގަ ކުރިމަގަށް ކުރެވޭ ވަރަށް ބޮޑު އުންމީދެއް " ސުޖާއު ވިދާޅުވިއެވެ.