ޚަބަރު

400 އަށްވުރެގިނަ ދިވެހި ޑޮކްޓަރުން ހޯދުމަށް އިޢުލާންކުރުން


އަތޮޅު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ 480 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދުމަށް ހެލްތް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ވަކި ވަކިން ކޮށްފައިވާ އިޢުލާންތަކެއްގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 164 ފަރާތަކާއި، ސީނިއަރ މެޑިކަލް އޮފިސަރ ނުވަތަ މެޑިކަލް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 319 ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މި ދެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޖުމްލަ 483 ވަޒީފާއަށްވެސް ކުރިމަތި ލެވެނީ ދިވެހިންނަށް އެކަންޏެވެ.

ތަފާތު 18 ދާއިރާއަކުން ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމްޑީ/އެމްއެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ވަނީ 105 ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، 17 ފިޒިއޮތެރަޕިސްޓުން ހޯދުމަށްވެސް އިޢުލާން ކޮށްފައެވެ. މި ވަޒީފާތަކަށްވެސް ކުރިމަތިލެވެނީ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދާރާއިން ދިވެހިން ތަމްރީންކުރުމާއި، ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.