ޚަބަރު

ބެލްޓް އެންޑް ރޯޑް މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ރާއްޖެއިން ޗައިނާއަށްދޭ އެއްބާރުލުމަށް އެވޯޑެއް ދީފި


ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ދަށުން ޗައިނާއިން ޤައުމުތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ހިންގުމުގައި ރާއްޖެއާއި އެހެން ޤައުމުތަކުންދޭ އެއްބާރުލުން ފާހަގަކުރުމަށް އެވޯޑެއް ދީފިއެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ޗައިނާއިން ޒަމާނުއްސުރެއް ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށް ގެންދިއުމުގައި ބޭނުންކުރި ކަނޑުގެ ރޫޓްގައިވާ ޤައުމުތައް ގުޅުވާލާ، އެޤައުތަކުގެ އުމްރާނީ ތަރައްޤީއަށާއި، ޤައުމުތަކުގައި އިންވެސްޓްމަންޓުތައް ހިންގުމަށް ޗައިނާއިން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ޤައުމުތަކުން ޗައިނާއަށް ދޭ އެއްބާރުލުން ފާހަގަކުރުމަށްޓަކާ "ސިލްކް ރޯޑް ސުޕަރ އެންބެސެޑަރ އެވޯޑު" ދީފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިޔަށްދިޔަ ހަފްލާއެއްގައެވެ.

މިއެވޯޑު ދިވެހިރާއްޖެ، ޕާކިސްތާން، ސްރީލަންކާ، މޯލްޓާ، ބޮސްނިއާއަށް ދީފައިވާއިރު، މިއެވޯޑުތަކާ ޙަވާލުވެފައިވަނީ މިޤައުމުތަކުން ޗައިނާއަށް ކަޑައަޅާފައި ހުންނަވާ ސަފީރުންނެވެ.

ރާއްޖެއަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި އެންމެ ފުރަތަމަ ބައިވެރިވި ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ޗައިނާ ގްލޯބަލް ޓައިމްސްއާ ވާހަކަދައްކަވަމުން ރާއްޖެއިން ޗައިނާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުތެރޭގައި ޗައިނާއިން ރާއްޖޭގައި ގިނަ މަޝްރޫތަކެއް ހިންގާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޗައިނާއިން އެހެން ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫތައް ކުރިޔަށް ގެންދިއުމަށް އެޤައުމުތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެވޯޑެއް ދިނުމަށް ނިންމާފައިވަނީ ބެއިޖިން ބެލްޓް އެންޑް ރޯޑް ކޯޕަރޭޓިވް ކޮމިއުނިޓީންނެވެ.