ސިއްހަތު

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފި


ކިޑްނީގެ ބަލީގެ މީހުންނަށް ފަރުވާދިނުމުގެ ގޮތުން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތާއި، އުމުރުން ދުވަސްވީ މީހުން ގޭގައި ބައިތިއްބައިގެން ފަރުވާ ބޭނުންވާ ބަލިމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ފަށައިފިއެވެ.މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތު ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ.ޝައިނީ ވިދާޅުވީ ޑައިލިސިސް ގެ ޚިދުމަތުގެ ސަބަބުން އެސަރަހައްދުގެ އަތޮޅުތަކުގައި ކިޑްނީގެ ބަލީގެ ވޭނުގައި އުޅޭމީހުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ހޯދަންޖެހިފައިވާ އަށް މީހުންނަށް މި ފެށުނު ޑައިލިސް ހިދުމަތުގެ ސަބަބުން މީގެ ކުރިން އުފުލަންޖެހުނު ތަކުލީފް ކުޑަވެގެންދާނެކަމަށެވެ.ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބަލިތަކުގެ ތެރޭގައި ހިމެނޭ ގައިންގައަށް ނާރާ ބަލިތައް ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދިއުމަކީ މިފަދަ އިންތިޒާމްތައް މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ޤާއިމްކުރުން މުހިއްމުކަމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭއްގައި މަރުވާ މީހުންގެ ތެރެއިން އެންމެގިނައިން މީހުން މަރުވާ ސަބަބުތައްކަމަށް ރިޕޯރޓް ކުރެވިފައިވަނީ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ލޭ ދައުރުވުމުގެ މައްސަލަތަކާއި، ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުގައި ކަމަށެވެ.ގަމު ހޮސްޕިޓަލުން ފުރަތަމަ ކަމެއްގެ ގޮތުގައި ތަންމަތީގައި ތިބޭ ބަލިމީހުންނަށް މަދުވެގެން ހަފްތާއަކު އެއްފަހަރު ޒިޔާރަތްކޮށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސާ ނަރުހުންނާއި ޑޮކްޓަރުން ހިމެނޭގޮތަށް ޓީމްތައް ފޮނުވަން ފެށޭނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.