ޚަބަރު

ގިނަ ޢަދަދެއްގެ ދިވެހި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ފިޒިއޮތެރަޕިސްޓުން ހޯދުމަށް އިޢުލާންކޮށްފި


ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ގިނަ އަދަދެއްގެ ދިވެހި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ފިޒިއޮތެރަޕިސްޓުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

އެގޮތުން ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ ގޮތުގައި 105 ފަރާތެއް އަދި ފިޒިއޮތެރަޕިސްޓުންގެ ގޮތުގައި 17 ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިޢުލާނުކޮށްފައިވާއިރު، މި ދެ ވަޒީފާއަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ.

މީގެ ތެރެއިން ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ މެޑިކަލް ލެބޯޓްރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ފިޒިއޮތެރަޕިސްޓުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަަރާތަކަށް ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮއްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

މި ދެ މަގާމަށްވެސް ޝަޢުގުވެރިވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހެލްތް މިނިސްޓްރީން ހުޅުވާލާފައިވަނީ އަންނަ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި މި ދެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އަންނަމަހުގެ 17 އިން ފެށިގެން މާރިޗުމަހުގެ 15 ވަނަ ދުވަހާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއްގައި އޮންނާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިހާ ގިނަ ޢަދަދެއްގެ ދިވެހި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ފިޒިއޮތެރަޕިސްޓުން ހޯދުމަށް އިޢުލާންކޮށްކޮށްފައިވާ ސަބަބާގުޅޭގޮތުން ހެލްތް މިނިސްޓްރީގެ ބަހެއްވެސް ވަނީ ނުލިބިފައެވެ.