ޚަބަރު

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެންމެ މޮޅު ދިރާސާއަށް ޚާއްޞަ އެވޯޑެއް ދެނީ


ދިވެހިރާއްޖޭގައި ޞިއްޙީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއްކުރާ ދިވެއްސަކަށް ޚާއްޞަ އެވޯޑެއް ދިނުމަށް ނިންމައި، އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހެލްތް މިނިސްޓްރީން ހުޅުވާލައިފިއެވެ.

"ހެލްތް ރިސަރޗް އެވޯޑު" ގެ ނަމުގައި ހެލްތް މިނިސްޓްރީން މުޅިން އަލަށް ދޭން ފަށާ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއާ ގުޅުހުންހުރި ރަނގަޅު ފެންވަރުގެ ދިރާސާތައް އިތުރުކުރުމާއި، އެ ދާއިރާއިން ދިރާސާ ކުރުމުގެ ރޫޙް އާލާކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ދިރާސާ ކުރާ ފަރާތްތަކަށް ހިތްވަރުދީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައް ކުރިއެރުވުމަކީވެސް މި އެވޯޑު ދިނުމުގެ މަޤްޞަދެއްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ދިރާސާތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ގުޅުހުންހުރިި އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި ހަދާފައިވާ ދިރާސާއަކަށް ވާންޖެހޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އެ ދިރާސާއަކީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކޮށްފައިވާ ދިރާސާއެއްނަމަ، ދިރާސާގައި ބައިވެރިވި އެހެން ފަރާތްތަކުގެ ހުއްދަ ހޯދަންވާނެކަމަށާއި، އެވޯޑަށް ހުށަހަޅާ ދިރާސާތަކަކީ ނޭޝަނަލް ހެލްތް ރިސަރޗް ކޮމިޓީން ބަލައިގަންނަ ދިރާސާތަކަކަށް ވާންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހެލްތް މިނިސްޓްރީން ހުޅުވާލާފައިވާއިރު، "ހެލްތު ރިސަރޗް އެވޯޑު" ދިނުމަށް ހަމަޖެހިފައިވަނީ 7 އޭޕްރީލް 2019 ގައެވެ.