ކުޅިވަރު

އެފްއޭއެމަށް ބޭނުމީ ވޯޓް ވިއްކާ މީހެއް ނޫން - މަހްލޫފް


އެފްއޭއެމްގެ ރައީސަކަށް ދެން އަންނަ މީހަކީ ފީފާ އަދި އޭއެފްސީގެ އިންތިޙާބްގައި ވޯޓް ވިއްކާ މީހަކަށްވެގެން ނުވާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވަނީ އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ކުލަބްތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެފްއޭއެމްގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެެވެ.
މިނިސްޓަރ ވިދާޅުވީ އެފްއޭއެމަކީ އަބަދުވެސް ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ އިދާރާއަކަށް ވާންޖެހޭ ތަނެއްކަމަށާއި ވަކިބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން އޮންނަ އިދާރާއަކަށް ވެގެންނުވާނެކަމަށެވެ.
"މިއީ ވަރަށް ބޮޑެތި މައްސަލަތަށް. ފީފާ އަދި އޭއެފްސީއަކީ ފުޓްބޯޅަ ކުރިއަރުވާ މައި އިދާރަތަށް. ނަމަވެސް އެއިދާރާ ތަކުގެ އިންތިހާބްގައި ރާއްޖެއިން ދާ މީހާ ވޯޓް ވިއްކާލީމަ، އެބޭފުޅުންވެސް ދެން ފަހަރަކުންވެސް ބޭނުމެއް ނުވޭ ރާއްޖޭ ތަރައްގީކޮށްގެން ވޯޓް ހޯދާކަ. ރާއްޖެ ތަރައްގީކޮށް ކުރިއަރުވާ ހަދައިގެން ވޯޓް ހޯދުމުގެ ވިސްނުން ފީފާ އައި އޭއެފްސީން ބޭނުން ނުވަނީ މިހެންވެ. އިންތިޙާބްއަށް ދާ މީހާގެ ޖީބަށް ކޮންމެވެސް އެއްޗެއް ލީމަ އެކަން ވާކަން އެގޭކަމަށްވާނަމަ، ފީފާ އަދި އޭއެފްސީންއިންވެސް ބޭނުމެއް ނުވާނެ ތޯ ރާއްޖެ ތަރައްކީކޮށްގެން ރާއްޖޭގެ ވޯޓް ހޯދާކަށް." މިނިސްޓަރ މަހުލޫފް ބުންޏެވެ.

އެފްއޭއެމުން ދާދި ފަހުންވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ސަސްޕެންޑްކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމަކީ ހިތާމަކުރާކަމެއްކަމަށާއި، އެއީ ޒާތީ ފިޔަވަޅެއްކަމަށެވެ.