ޚަބަރު

ފުވައްމުލަކުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައި 179 އުޅަނދު ފާސްކޮށްފި


ފުވައްމުލައް ސިޓީގައި އެއްގަމު އުޅަނދުތައް ދުއްވަނީ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، 179 އުޅަނދު ބަލައި ފާސްކޮށްފިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަދު ހަވީރު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 179 އެއްގަމު އުޅަނދު ބަލައި ފާސްކޮށް، 13 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއެވެ. މި އޮޕަރޭޝަންގެ ދަށުން ފުވައްމުލަކު 4 ސަރަހައްދެއްގައި ޗެކްޕޮއިންޓް ޖަހައި އެއްގަމު އުޅަނދުގެ އަހަރީ ފީއާއި، އިންޝޫރެންސާއި، ރޯޑްވާރދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނީ މި އޮޕަރޭޝަންގެ ދަށުން ފިޔަވަޅު އަޅާފައިވާ 13 މީހުންނަކީ އެއްވެސްގޮތަކަށް ލައިސެންސް ނުނަގައި ދުއްވި މީހުންކަމަށާއި، ފާސްކުރި ވެހިކަލްތަކުގެ ތެރޭގައި، އަހަރީ ފީއާއި، އިންޝޫރެންސާއި، ރޯޑްވާދިނަސް ހަމަވެފާވެފައި ހުރި ވެހިކަލްތަކަށް ދެވަނަ ފުރުޞަތުދީ ދޫކޮށްލާފައިވާކަމަށެވެ.

މި އޮޕަރޭޝަނަކީ ފުވައްމުލަކުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްކަން ކަށަވަރުކުރުމަށާއި، ފުވައްމުލަކު ސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދެއެވެ.