މުނިފޫހިފިލުވުން

ސިނަމާތަކާއި ފިލްމު ވިއްކާ ތަންތަން މޮނީޓަރ ކުރަން ފަށަނީ


ކުރިޔަށް
އޮތް ތިން މަސްދުވަގެ ތެރޭގައި ރާއްޖޭގެ ސިނަމާތަކާއި ފިލްމު ވިއްކާ ތަންތަން
މޮނީޓަރ ކުރަން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ބިއުރޯ އޮފް
ކްލެސިފިކޭޝަން އިން ބުނެފިއެވެ.



މި
މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ސިނަމާތަކާއި ފިލްމު
ވިއްކާ ތަންތަން މޮނީޓަރ ކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ފެށުމަށް
ހަމަޖެހިފައިވަނީ މާލޭ ސިޓީއިންނެވެ. މި މަސައްކަތް ފެށުމަށް ނެޝަނަލް ބިއުރޯ އޮފް
ކްލެސިފިކޭޝަން އިން މިހާރު ދަނީ މިކަމާ ގުޅުންހުރި ފަރާތްތައް ކަމުގައިވާ
ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ހައުސިން
މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް، ކަންތައްތައް ރަނގަޅުކުރުމަށް އެފަރާތްތަކުގެ
އެހީތެރިކަން ހޯދޭނެ ގޮތްތައް ދިރާސާ ކުރަމުންނެވެ.

ސިނަމާތަކާއި ފިލްމް
ވިއްކާތަންތަން ޗެކްކުރުމުގައި ކްލެސިފިކޭޝަން ބިއުރޯއިން ރާއްޖޭގައި ދެއްކުން
މަނާކޮށްފައިވާ ފިލްމްތައް ވިއްކާތޯ ޗެކްކުރެވޭނެކަމަށާއި އަދި އެފަދަ ތަންތަނާއި
މެދު ގާނޫނާ ގަވައިދުތަކާއި އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ކްލެސިފިކޭޝަނުން މިފަދަ މަސައްކަތެއް ފެށުމަށް ތައްޔާރުވަމުން ދާއިރު، މި
އަހަރުވެސް އެ ބިއުރޯއިން ވަނީ ދެ ފިލްމެއްގެ މައްސަލަ ބަލާފައެވެ.