ޚަބަރު

ފޮނަދޫގައި ދިރިއުޅޭ ގާދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ވަރަށް އަވަހަށް ޙައްލު ކޮށްދޭނަން - ރައީސް


ލ. ފޮނަދޫއަށް ބަދަލުވި އެ އަތޮޅު ގާދޫ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް އަވަހަށް ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫއަށް ބަދަލުވި ގާދޫގެ ބައެއް އާއިލާތަކާއި މިއަދު ބައްދަލުކުރައްވާ ރައީސް ޞާލިޙު ވަނީ އެ ޢާއިލާތަކުގެ ކަންބޮޑުވުންތައް އައްސަަވާފައެވެ.

އެ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމީހުންގެ ދިރިއުޅުގެ ހާލަތު ބަޔާންކޮށްދެއްވައި ދަތިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަން ހައްލުކުރެވޭނެގޮތަކާއިމެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ފަރާތްތަކަށް އެންމެ ދަތިވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވައި އެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެ ޢާއިލާތަކުން ވަނީ ގެންނަވާފައެވެ.

ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވަނީ 2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. ފޮނަދޫގައި ގާދޫ ރައްޔިތުންނަށް އަޅައި ދީފައިވަނީ 85ގެއެވެ.