ކިޔަވާކުދިންނަށް އައު ކަންކަމަށް ސިކުނޑި ހުޅުވާލަން ދަސްކޮށްދީ ވިސްނުން ފުޅާކޮށްދިނުމަށް ޅެންވެރިކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ތިރީސްވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ރ. އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ރާއްޖޭގެ ތާރީޚު ދެކެފައިވާ މޮޅު ޅެންވެރިންނަކީ ގިނަ ރޮނގުތަކެއްގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ބޭފުޅުންތަކެއް ކަމަށެވެ. ޔުމްނާ ވިދާޅުވީ މިއަދުގެ ކުޑަކުދިންގެ މެދުގައި ޅެންވެރިކަން ދިރުވަންޖެހޭ ކަމަށާއި އެކުންދިންގެ ސިކުނޑިތަކަކީ އައުކަންތައްތައް ހޯދާ ދެނެގަންނަ ބަޔަކަށް ހަދާ ވިސްނުން ފުޅާކުރުމަށް ޅެންވެރިންގެ ދައުރު ބޮޑުކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޅެންވެރިކަމުގެ ތެރެއިން މިކަންތައް ޙާސިލުވާނެކަން ދިވެހި ތާރީޚު ހެކިދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގޭތެރެއިންނާއި ސްކޫލްތަކުން ކުދިންނަށް ދަސްކޮށް ދޭންވީ ވިސްނުން ތަރައްޤީކުރުމަށްކަމަށެވެ.
ތިރީސްވަނަ ޅެންވެރިންގެ ދުވަސް ޚާއްސަކޮށްފައިވާ ޅެންވެރިޔާ އަލްމަރުޙޫމް ޔޫސުފް މުޙައްމަދު ފުޅުގެ ޅެންތަކުން މިސާލު ޖައްސަވަމުން މިނިސްޓަރ ވަނީ ޅެންވެރިކަމުގެ އަސަރުތައް ދިވެހިންނަށް ކޮށްފައިވާ މިންވަރު ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ ޤައުމެއް ތަރައްޤީ ކުރުމުގައި ޅެންވެރި ދައުރަކީވެސް ބޮޑު އެއްޗެއް ކަމަށެވެ.