ވިޔަފާރި

މެސެންޖަރ، ވަޓްސްއެޕް އަދި އިންސްޓަގްރާމް ގުޅާލަނީ


އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް މެސެޖް ފޮނުވޭ ގޮތަށް ފޭސްބުކް މެސެންޖަރ، ވަޓްސްއެޕް އަދި އިންސްޓަގްރާމް ގުޅާލުމުގެ މަސައްކަތް ފޭސްބުކްއިން ފަށައިފިއެވެ.

ފޭސްބުކް މެސެންޖަރ، ވަޓްސްއެޕް އަދި އިންސްޓަގްރާމަކީ ފޭސްބުކްގެ ދަށުން ހިންގާ ވަކި 3 އެޕްލިކޭޝަނެކެވެ. އެއް ކުންފުންޏެއްގެ 3 އެޕްލިކޭޝަނެއް ނަމަވެސް، މި އެޕްލިކޭޝަންތައް ތަރައްޤީކޮށްފައިވަނީ އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނެއް މެސެޖް ފޮނުވޭގޮތަކަށް ނޫނެވެ. މިސާލަކަށް ފޭސްބުކް މެސެންޖަރއިން ވަޓްސްއެޕް، ނުވަތަ އިންސްޓަގްރާމްއަށް މެސެޖެއް ނުކުރެވޭނެއެވެ. ނަމަވެސް ފޭސްބުކްއިން ވަނީ މެސެޖް ފޮނުވޭގޮތަށް މި އެޕްލިކޭޝަންތައް ގުޅާލުމުގެ މަސައްކަތް ފަށާފައެވެ.

ފޭސްބުކްއިން ބުނާ ގޮތުގައި 3 އެޕްލިކޭޝަން ގުޅާލުމުގެ ބޮޑު މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު މިމަސައްކަތް ނިންމާލެވޭނެކަމަށް ފޭސްބުކް އިން ލަފާކުރެއެވެ. ފޭސްބުކްއިން ބުނާގޮތުން މިމަސައްކަތް ނިމުމުން، މެސެންޖަރ، ވަޓްސްއެޕް އަދި އިންސްޓަގްރާމް މެދުވެރިކޮށް، އެއް އެޕްލިކޭޝަންއިން އަނެއް އެޕްލިކޭޝަނަށް މެސެޖްކޮށްލެވޭނެއެވެ. ނަމަވެސް މިކަމަށް ވަކި އެޕްލިކޭޝަނެއް ތަރައްޤީކުރުމުގެ ބަދަލުގައި، ބޭނުންކުރާނީ މިހާރުވެސް ބޭނުންކުރާ އެޕްލިކޭޝަންތައްކަމަށް ފޭސްބުކްއިން ބުނެއެވެ. އަދި މިގޮތަށް 3 އެޕްލިކޭޝަންގެ މެދުގައި މެސެޖުތައް ބަދަލުކުރިނަމަވެސް، ކަސްޓަމަރުންގެ ޒާތީ މުޢާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މެސެޖްތައް ހުންނާނީ އެހެން ފަރާތަކަށް ނުފެންނަ ގޮތަށް އެންކްރިޕްޓްކޮށްފައިކަމަށް ފޭސްބުކްއިން ބުނެއެވެ.

މިގޮތަށް މި 3 އެޕްލިކޭޝަނުގައި މެދުގައި މެސެޖް ބަދަލުކުރެވޭގޮތް ހެދުމުގެ މަސައްކަތް ފެށީ އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދީ، އެއް އެޕްލިކޭޝަނަކުން ހުރިހާ މެސެޖެއް ކުރެވޭނެ މަގުފަހި ކުރުމަށްކަމަށް ފޭސްބުކްއިން ބުނެއެވެ.