ކުޅިވަރު

އެފްއޭކަޕް ނެގުމަކީ ޝަރަފެއް، ސިޓީއަށް ހޯދައިދޭން ބޭނުން - ގާޑިއޯލާ


އެފްއޭކަޕް ނެގުމަކީ ލިބޭނެ ޚާއްސަ ޝަރަފެއް ކަމަށާއި، އޭނާގެ ކޯޗިކަމުގެ ދަށުގައި ސިޓީއަށް މި ތަށި ހޯދައިދޭން ބޭނުންވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުގައި ކުޅުނު ފުރަތަމަ އެފްއޭކަޕްގެ ސެމީ ފައިނަލާ ހަމައަށް ސިޓީ ގެންދިޔަ ނަމަވެސް މިދިޔަ އަހަރުގެ އެފްއޭކަޕްގައި ސިޓީވަނީ ވިގަން އަތުން ބަލިވެ މުބާރާތުގެ ތިންވަނަ ބުރުން ކަޓާފައެވެ.

ގާޑިއޯލާ ބުނީ ފާއިތުވެ ދިޔަ ދެ އަހަރުގެ ނާކާމީޔާބީއާއެކުވެސް ސިޓީއިން މަސައްކަތް ކުރާނީ މިފަހަރުގެ އެފްއޭކަޕް ކާމިޔާބުކުރަން ކަމަށެވެ.
އެގޮތުން އެފްއޭ ކަޕްގައި މިރޭ ބާންލީގެ ދަނޑުގައި އެ ޓީމާ ވާދަކުރާ މެޗްގެ ކުރިން ގާޑިއޯލާ ބުނީ އެ ޓީމަކީ އެޓޭކިންގ ވަރުގަދަ ޓީމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަމަށެވެ.

އެންމެ ފަހުން މެންޗެސްޓަރ ސިޓީއިން އެފްއޭ ކަޕް ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އެއީ ރޮބަރޓޯ މަންޗީނީގެ އިރުޝާދުގެ ދަށުންނެވެ.