ކުޅިވަރު

ރާއްޖޭގެ ކީޕަރުންނަކީ އުނގެނުމަށް ލޯބިކުރާ ބަޔެއް - ޖަލާލް ބައްޝާރާދް


އެފްއޭއެމުން ގޯލްކީޕަރ ކޯޗުންނަށް ބޭއްވި ކޯހުގައި ބައިވެރިވި ރާއްޖޭގެ ކީޕަރުންނަކީ އުނގެނުމަށް ލޯބިކުރާ ބަޔެއް ކަމަށް ކޯހުގައި ކިޔަވައިދިން ޖަލާލް ބައްޝާރާދް ބުނެފިއެވެ.

އީރާންގެ އޭއެފްސީ ގޯލްކީޕަރ އިންސްޓްރަކްޓަރ ކޯޗް ބުނީ ރާއްޖޭގެ ކީޕަރުންގެ ޝައުގުވެރިކަމާއި، ބައިވެރިވުން ފެނުމަކީ ލިބުނު ހިތްހަމަ ޖެހުމެއްކަމަށެވެ. ޚާއްސަކޮށް އަންހެން ކީޕަރުނާއި ކުރީގެ ކީޕަރުން އަދި ކޯޗުންވެސް ކޯހުގައި ބައިވެރިވެ ކުރި މަސައްކަތް ޖަލާލް ވަނީ ފާހަގަކޮށްފައެވެ. މި ކޯހަކީ ކުރިމަގުގައި ރާއްޖޭގައި އޭއެފްސީ ގޯލްކީޕަރ އިންސްޓަކްޓަރުން އުފެދުމަށް އެޅޭ ބިންގަލެއްކަމަށްވެސް ޖަލާލް ބުންޏެވެ.

"ރާއްޖޭގެ ކީޕަރުން، އެމީހުންނަކީ އާ ކަންތައް ދަސްކުރަން ވަރަށް ޝައުގުވެރިވާ ބައެއްކަން ފެނިއްޖެ، އަދި އެހާ ބުރަކޮށް މަސައްކަތް ވެސް ކުރޭ، އަހަރެން ވަރަށް އުފާވެއްޖެ. އެންމެންވެސް، އަންހެން ކީޕަރުންވެސް، ފިރިހެން ކީޕަރުންވެސް އަދި ކުރީގެ ކީޕަރުންވެސް، ވަރަށް ރަނގަޅު މަސައްކަތް" އޭއެފްސީގެ އީރާން ކޯޗް ބުންޏެވެ.

އެފްއޭއެމުން ފަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގޯލްކީޕަރ ޓްރެއިނަރ ކޯހުގައި 30 ބައިވެރިންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކްޓް ހާސިލްކޮށްފައެވެ.