ވިޔަފާރި

އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރެއާލް މެޑްރިޑަށް


މިދިޔަ ފުޓްބޯޅަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކްލަބުގެ ޝަރަފު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

މާލީ ކަންކަމާ ގުޅޭ ތަފާސް ހިސާބުތައް އާއްމުކުރާ މަޝްހޫރު ޑެލޮއިޓްއިން ހާމަކުރާ ގޮތުން މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް އާމްދަނީގެ ގޮތުގައި 750.9 މިލިއަން ޔޫރޯ ލިބުނެވެ. މިއީ މިދިޔަ އަހަރު އެކްލަބަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރަށްވުރެ 75 މިލިއަން ޔޫރޯ އިތުރު އަދަދެކެވެ. ރެއާލް މެޑްރިޑްގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އިޝްތިހާރާއި ސްޕޮންސަރޝިޕްގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވުމެވެ.

ރެއާލްގެ ފަހަތުން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ސްޕެއިންގެ ބާސެލޯނާއަށެވެ. އެކްލަބަށް މިދިޔަ ސީޒަނުގައި 690.4 މިލިއަން ޔޫރޯ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 42.1 މިލިއަން ޔޫރޯ އިތުރު އަދަދެކެވެ.

މިދިޔަ 3 ސީޒަނުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިނގިރޭސިވިލާތުގެ މެންޗަސްޓަރ ޔުނައިޓެޑަށް މިފަހަރުގެ ލިސްޓުން ލިބެނީ 3 ވަނައެވެ. މިދިޔަ ސީޒަނުގައި އެކްލަބަށް 666 މިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައި ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 10.3 މިލިއަން ޔޫރޯ މަދު އަދަދެކެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ ލިބުނު ކްލަބްތަކުގެ ލިސްޓަށް ބަލާލާއިރު، ގަދަ 10 ގައި މެންޗަސްޓަރ ޔުނައިޓެޑާއެކު އިނގިރޭސިވިލާތުގެ 6 ކްލަބެއް ހިމެނެއެވެ. އެއީ މެންޗެސްޓަރ ސިޓީ، ލިވަރޕޫލް، ޗެލްސީ، އާސެނަލް. ޓޮޓެންހަމްއެވެ. ގަދަ ދިހައެއްގައި ދެން ހިމެނޭ ޖަރުމަންވިލާތުގެ ބަޔާން މިއުނިކާއި ޕްރާންސްގެ ޕީއެސްޖީއެވެ. އިޓަލީގެ އެއްވެސް ކްލަބެއް ގަދަ ދިހައެއްގައި ހިމެނިފައެއް ނުވެއެވެ.

ޑެލޮއިޓްއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިދިޔަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީ ލިބުނު 20 ކްލަބުގެ ޖުމްލަ އާމްދަނީ 8.3 ބިލިއަން ޔޫރޯއަށް އަރައެވެ. މިއީ މިދިޔަ ސީޒަނާ އަޅާބަލާއިރު 6 އިންސައްތައިގެ އިތުރުވުމެކެވެ.