ޚަބަރު

ދިއްދޫ ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ކުރަންޖެހުނު ޚަރަދު އަނބުރާ ދެނީ


ދިއްދޫ ފްލެޓްތައް ލިބުނު ފަރާތްތަކުން އެތަންތަނުގައި އުޅެންފެށުމަށް ކުރަންޖެހުނު ޚަރަދު އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ހއ. ދިއްދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިއްދޫ ކައުންސިލުން ވަނީ ފުލެޓްތަކުގައި މިހާރު ދިރިއުޅޭ ފަރާތްތަކާއި ފުލެޓް ލިބުނު ފަރާތްތަކުގެ ޚިޔާލު ހޯދާފައިއެވެ. އެގޮތުން ފްލެޓްތައް ހަދައި ނިމުމަށްފަހުވެސް ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ބަދަލުވުމުގެ ކުރިން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނުކަން ފާހަގަކޮށް، އެ ކަމަށް ހޭދަވި ފައިސާ އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރާނެކަމަށް މި ބައްދަލުވުމުގައި ދިއްދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިހާރު ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުނި އުކާލުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި، ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި އަލިކަމެއް ނެތުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ދިއްދޫ ކައުންސިލުން ވަނީ އެސަރަހައްދުގެ މަގުތަކުގައި މަގު ބައްތި ޖެހުމަށް ނިންމާފައެވެ. އަދި ސަރުކާރުން އެކަމަށް 11 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ލެވަލް ކުރުމާއި ނަރުދަމާގެ މައްސަލައަށް އަވަސް ޙައްލެއް ގެންނާނެ ކަމަށްވެސް ދިއްދޫ ކައުންސިލުން ބުނެއެވެ.