ތަޢުލީމު

ޔުނިވާސިޓީގެ ޖީ ބްލޮކް ހުސްކުރަންދިން މުއްދަތު އިތުރުކޮށްފި


ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތް ހުސްކުރުމުގެ އެންމެ ފަހު މުހުލަތަކީ އަންނަ ޖޫން މަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސަވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތަކީ ކޮންމެހެންވެސް ހުސްކުރަންޖެހޭ އިމާރާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށެވެ.ރައީސް އެގޮތަށް ނިންމެވީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަށް ސަރުކާރާއި ހިއްސާކޮށްފައި ވުމުންކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.ޔުނިވަރސިޓީގެ މިހާރު ހުރި އިމާރާތްތަކުން، ޖަމާލުއްދީން ސްކޫލްގެ ބާއިމާރާތާއި، ސޯސަންގޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖާގަ ފޯރުކޮށްދެވޭނެ ކަމަށް ހައުސިން މިނސްޓަރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ބާ ޖަމާލުއްދީނާ، ސޯސަންގެ ހުސްކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރ މިއަދު ވިދާޅުވީ، ޔުނިވަރސިޓީގެ މިހާރު ހުރި އިމާރާތްތަކުގެ ބޭނުން ކުރަމުންދަނީ ވަރަށް ބޮޑަށް ޖާގަ ގެއްލޭ ގޮތަށް ކަމަށާއި، އެ އިމާރާތްތަކުގައި އެކަށީގެންވާ ޖާގަ އެބަހުރި ކަމަށެވެ. އެހެންކަމުން ޔުނިވަރސިޓީން ސަރުކާރާ މަޝްވަރާ ކުރެއްވުމަށްފަހު ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މި ކަމަށް ހައްލެއް ގެނައުމަށް  މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ، ޔުނިވަރސިޓީން އަމަލުކުރާނެ ގޮތުގެ ޕްލޭން ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، މައްސަލަ ހައްލުވެގެންދާނެ ފަދަ ގޮތަކަށް ޔުނިވަރސިޓީގެ އިސް ބޭފުޅުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން، އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ޔުނިވަސިޓީގެ ކިޔެވުން ސެމިސްޓަރ ބްރޭކަށް ފަހު ހުޅުވޭއިރު ކިޔެވުން އެހެން ތަނަކަށް ބަދަލުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.  މިގޮތަށް ނިންމެވި ނަމަވެސް މިމަހުގެ ނަވާރަ އާއި ހަމައަށް ޔުނިވަރސިޓީ ބަދަލުކުރުމާގުޅޭ ޕްލޭނެއް އެކުލަވާލާ ސަރުކާރަށް ހުށައަޅަން ޖެހެއެވެ.