ވިޔަފާރި

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ކޮންވެންޝަން އަންނަ މަހު ބާއްވަނީ


ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި މި ދާއިރާގައި އެކުލަވާލާފައިވާ ސިޔާސަތުތައް އިސްލާހުކުރުމަށާއި، ދާއިރާ ކުރިއެރުވުމުގެ ގޮތުން ހަރާކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމެއްކަމަށެވެ. ބިޒްނަސް ކޮންވެންޝަންގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފޯރަމްގައި ބައިވެރިވެ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާފައެވެ. ކަރުދާސް ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި މަސައްކަތްތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވިޔަފާރީގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން އަންހެން ވިޔަފާރިވެރިންގެ މަސައްކައްތަކާއި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމާއި ބެހޭގޮތުން ވެސް ކަރުދާސް ހުށަހެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހުށަހަޅާ ޚިޔާލު ކަރުދާސްތައް، އިކޮނޮމިކް މިނިސްޓްރީން ކުރިއަށް އޮތްތަނުގައި އެކުލަވާލާ ޤަވައިދުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭނެކަމަށެވެ.