ވިޔަފާރި

ޓީޓީއެމް ކާމިޔާބު ފެއަރއަކަށް ހެދުމަށް މިނިސްޓްރީގެ އެއްބާރުލުން ލިބޭ - މޯލްޑިވްސް ގެޓަވޭޒް


ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމްގެ މިއަހަރު ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް ޓީޓީއެމް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭޒްއިން ބުނެފިއެވެ.

އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރއަކީ މޯލްޑިވްސް ގެޓަވޭޒްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާބެހޭ އެންމެ ބޮޑު ފެއަރއެވެ. ޓުއަރިޒަމް މިނިސްޓްރީއަކީ މިފަހަރުގެ ޓީޓީއެމްގެ އޮފިޝަލް ޕާޓްނަރެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއިވެންޓް އެންޑޯސްކޮށްފައިވާއިރު، މިއިވެންޓް ކާމިޔާބުކަމާއެކު ބޭއްވުމަށް މޯލްޑިވްސް ގެޓަވޭޒްއަށް އެހީތެރިވާނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޓީޓީއެމްގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ، ޓީޓީއެމް ފަދަ ފެއާތަކައި، އެނޫންވެސް މިފަދަ ފެއާތައް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިފަދަ ކޮންމެ ކަމެއްގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭނެކަމަށް މިނިސްޓަރ ފާހަގަކުރިއެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނުވާ ފެއަރއަކަށް ހެދުމަށް މޯލްޑިވްސް ގެޓަވޭޒްއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މި ފެއަރ ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ފެއަރގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާރކެޓަށް ނިސްބަތްވާ ޓްރެވަލް އެޖެންޓުން ޓީޓީއެމް ފެއާގައި ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ.
ފެއަރގެ އެންމެ ފަހުގެ ތައްޔާރީތަކާބެހޭ ގޮތުން ގެޓަވޭޒްގެ ސީއީއޯ، ޑރ ހުސެން ސަނީ އުމަރު ވިދާޅުވީ، އެހެން އަހަރުތަކާއި ޙިލާފަށް މިފަހަރުގެ ފެއަރއަށް ސަރުކާރުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށެވެ.

"
އެހެން އަހަރުތަކަށްވުރެ ބޮޑަށް މިފަހަރު ވަރަށް ބޮޑު ސަޕޯޓެއް ލިބޭ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން. މިނިސްޓްރީން ގިނަ ކަންތައްތަކެއްގައި އެހީތެރިކަންދިނުމަށް ވަނީ އެއްބަސްވެފައި. އެއީ ކުރީ އަހަރުތަކާ ބަލާއިރު އެއްގޮތަކަށްވެސް ނުވެ ހުރި ކަންތައްތަކޭވެސް ބުނެވިދާނެ. ހަމަ އެގޮތަށް އެމްއެމްޕީއާރުސީގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން
ގެޓަވޭޒްގެ ސީއީއޯ، ޑރ ހުސެން ސަނީ އުމަރު

މިފަހަރުގެ ޓީޓީއެމްގެ ފެއާގެ ތެރެއިން އެކިކަހަލަ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި، ގެސްޓް ހައުސް ހޮޓާ ހިންގާ ފަރާތްތަކުން ބައިވެރިވާ ޓީޓީއެމް ޓްރެވަލް ސަމިޓާއި، ޓުއަރިޒަމް ކެރިއަރ ފެއަރއާއި، ފަތުރުވެރިކަމުގެ ދާއިރާގެ ސަޕްލަޔަރުންނަށް ހާއްސަ މޯލްޑިވްސް ސަޕްލަޔަރ އެކްސްޕޯގެ އިތުރުން ޓީޓީއެމް ގާލާ އަދި އެވޯޑް ހަފްލާ ހިމެނެއެވެ.

މޯލްޑިވްސް ގެޓަވޭޒްއިން ބުނީ، ޓީޓީއެމް ފެއާ ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ 2020ވަނަ އަހަރާ ހަމަޔަށް ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކޮށް، މިދާއިރާއިން ލިބޭ ފައިދާ 3.5 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އެހީތެރިވުންކަމަށެވެ. ޓީޓީއެމްގެ ފެއާގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދާއިރާއާ ގުޅުންހުރި ފަރާތްތައް ހިމެނޭހެން 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.