ޚަބަރު

ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި


ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ފަށާފައިވާ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން މީސް މީޑިއާއާއި، ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ހަޤީޤަތެއްނެތް މައުލޫމާތު ފަތުރަމުންދާކަމަށެވެ. އެގޮތުން މިގޮތަށް ފަތުރާފައިވާ ބައެއް މައުލޫމާތާ ގުޅިގެން މިނިސްޓްރީން ބެލި ބެލުމުން އެފަދަ އެއްވެސް ކަމެއް އެ ސްކޫލްތަކުގައި ހިނގާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށްދޭ ނާސްތާ ތާޒާ ނޫންކަމަށްބުނެ ޚަބަރު ފަތުރާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ހިންގަމުންދަނީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، ދަރިވަރުންނަށް ދޭ ކާނާގައި ހުންނަންޖެހޭ ގޮތާއި، އެތަކެތީގެ ތާޒާކަން ބަލާނެ ގޮތްތައް އެ އުސޫލުގައި ބަޔާންކޮށްފައިވާނެކަމާށެވެ. އެގޮތުން ކޮންމެ ދުވަހަކު ދަރިވަރުންނަށްދޭ ކާބޯތަކެތި ތައްޔާރުކުރާ ގޮތުގެ ބަޔާނެއް އެތަކެތި ތައްޔާރުކުރާ ފަރާތުން ކޮންމެ ދުވަހަކު ސްކޫލަށް ހުށަހަޅަންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެތަކެތި ދަރިވަރުންނަށް ދިނުމުގެ ކުރިން ސްކޫލްގެ ފަރާތުންވެސް އެތަކެތީގެ ތާޒާކަން ކަށަވަރުކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކާއި އެނޫން ފަރާތްތަކަށްވެސް ބޭނުންވާ މައުލޫމާތު އެ މިނިސްޓްރީން ދޭނެކަމަށެވެ. އެހެންކަމުން އެ ޕްރޮޖަކްޓާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތައް ސައްޙަ ނޫން މައުލޫމާތު ނުފެތުުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން ދިރާސީ އައު އަހަރާއެކު ރާއްޖޭގެ 25 ސްކޫލެއްގައި ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ވަނީ ފަށާފައެވެ.