ޚަބަރު

މަޖިލިސް އިންތިހާބުގައި އޮފިޝަލުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން ބޭނުންވާ އޮފިޝަލަކަށްވުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުގެ 15:00އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.

އީސީން ވަނީ މަޖިލިސް އިންތިޚާބުގެ އޮފިޝަލުންނަށް ވުމަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ތައުލީމާއި ތަޖުރިބާހުރި 18 އަހަރުން މަތީގެ ދިވެއްސަކަށް ވުމާއި މަސައްކަތް ކުރެވޭފަދަ ސިއްހަތެއް ހުރުމާއި ޖިނާޢީ ކުށެއްގެ ހުކުމުން ބަރީއަވެފައިވާ ފަރާތަކަށްވާން ޖެހެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި، ކެނޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތަކަށް ނުވުމާއި، ކެނޑިޑޭޓުންގެ މަންމަ، ބައްޕަ، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، އަދި އެއްބަފާ މީހަކަށް ވެގެން ނުވާނެ ކަމަށް އީސީން ވަނީ ޝަރުޠުކޮށްފައެވެ.

އީސީން ވަނީ އޮފިޝަލުންނަށްވާ ފަރާތްތަކަށް އިނާޔަތާއި އުޖޫރަތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން ވޯޓްލާ މަރުކަޒުގެ ވެރިޔަކަށް ހުންނަ މީހަކަށް 1500 ރުފިޔާ، ވެރިޔާގެ އެހީތެރިއާ އަށް 1200 ރުފިޔާ، އަދި އޮފިޝަލަކަށް 1000 ރުފިޔާ، ރިޒާވް އޮފިޝަލަކަށް 500 ރުފިޔާގެ އުޖޫރަ ވަނީ ކަނޑައަޅާފައެވެ.